ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ނިކަމެތި ބުޅާތަކަށް އަނިޔާކޮށް މަރާކަމުގެ ޝަކުވާތަކެއް ލިބެމުންދާކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިހާރަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ގޯނާކޮށް، ހާނިއްކަކޮށް މަރާކަމުގެ ޝަކުވާތައް އެވުޒާރާއަށް ލިބެމުންދާ ކަމަށެވެ. އަދި މިއީ ޖަނަވާރުންގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، އެކަން އެގޮތަށް ނުކުރުމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ ބުއްދިއެއްނުވާ އެއްޗަކަށްވާތީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް އުނދަގޫތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެއް ކަމަށާއި ނަމަވެސް އެއީ އެ ތަކެއްޗަށް ގޯނާކުރަން ލިބޭ ސަބަބެއް ނޫންކަމަށެވެ. އަދި އެފަދަ ކަމެއްކުރުމަކީ އިންސާނިއްޔަތާވެސް ޚިލާފު ޢަމަލެއްކަން އެ ވުޒާރާއިން ވަނީ ހަނދާންކޮށްދެއްވާފައެވެ.
މީގެ އިތުރުން އަޅުގަނޑުމެންގެ އިސްލާމް ދީނުގައި ވެސް އަންގަވާފައިވާ ފަދައިން ދިރޭތަކެއްޗަށް އަނިޔާ ނުކޮށް އެތަކެއްޗަށް އަޅާލައި އޯގާތެރިވުމަށް އެ ވުޒާރާއިން އިރުޝާދު ދީފައިވެއެވެ.
މާލޭއަށް ގިނަވެފައިވާ ބުޅާތަކަށް ހިޔާވައްސެއް ފޯރުކޮށްދީ، އެ ތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް “އޮޅު ހިޔާ”ގެ ނަމުގައި ކެޓް ޝެލްޓަރއެއް ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ.

