އާ އަހަރާ ދިމާކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އާ އަހަރާ ދިމާކޮށް ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކުރުން އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް އާއި މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަން ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލްކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރަންޓްތައް މޮނީޓާކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަ އަކީ ޒަމާނުއްސުރެ ރާއްޖެއަށް ކުރިމަތި ވަމުން އަންނަ މައްސަލައެކެވެ. މީގެ ކުރިން ވެސް އާ އަހަރާ ދިމާކޮށް މިކަހަލަ އޮޕަރޭޝަން ތައް ހިންގާފައިވެއެވެ.

