ރާއްޖޭގެ ތާރީޚުގައި ކުރިމަތިލާން ޖެހުނު ހިތާމަވެރި ސުނާމީގެ ކާރިސާއަށް 20 އަހަރު ފުރުމުގެ ހަނދާނުގައި މާދަމާ މުޅި ރާއްޖޭގައި ބޮޑު ސުކޫތެއް ބާއްވަން ސަރުކާރުން ވަނީ ނިންމައިފައެވެ. 20 އަހަރު ކުރިން 2004 ވަނަ އަހަރު ޑިސެމްބަރު މަހު 26 ވަނަ ދުވަހު ހިނގި މި ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި މި ސުކޫތު ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:23 ގައި ކަން ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ އެހެނިހެން ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވެއެވެ.
މި ސުކޫތަކީ ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި ބާއްވާ ސުކޫތެކެވެ. ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ވެސް ވަނީ އެތަންތަނުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުންނަށް މި ސުކޫތުގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.
ޑިސެމްބަރު 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައިވެސް ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު އެރި ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ހަނދާނުގަ އެވެ.
20 އަހަރު ކުރިން ރާއްޖެއަށް އެރި ބޮޑު ރާޅަކީ ރާއްޖެ ދުށް ނާމާން ބިރުވެރި މަންޒަރެކެވެ. މި ސުކޫތުގެ ސަބަބުން އެ ދުވަހުގެ ބިރުވެރި ހަނދާންތައް އާވެ، ކުރިއަށް އޮތްތާނގައި އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ކުރީބައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ދެނެގަނެވޭނެއެވެ.

