ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ އާދިއްތަ ދުވަހު ވަކިކުރި 15 މުވައްޒަފުންނަށް އަލުން ވަޒީފާ ދީ، ސަސްޕެންޑްކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެންނެވެ.
އެޗްޑީސީގެ އޮފިޝަލަކު މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވި ގޮތުގައި، ކުންފުނީގެ އިސް މެނޭޖްމަންޓުގައި ހިމެނޭ ބައެއް މުވައްޒަފުންނާއެކު، ވަކިކުރެވުނު އެންމެހައި މުވައްޒަފުންނަށް އަލުން ވަޒީފާ ހަމަޖައްސާފައިވެއެވެ. ނަމަވެސް، މިހާރު އެ މުވައްޒަފުން ތިބީ ސަސްޕެންޝަނެއްގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިތުރަށް އޮފިޝަލް ވިދާޅުވީ މިހާރު ބަލަމުންދާ މައްސަލައާ ގުޅުމެއް ނެތް މުވައްޒަފުންގެ ސަސްޕެންޝަން އުވާލަމުން ދާނެ ކަމަށެވެ. އަދި މައްސަލައާ ގުޅުން އޮތް މުވައްޒަފުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލުން ވަޒީފާ ދެވުނު މުވައްޒަފުންގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަޙްމަދު ޔާމީން ވެސް ހިމެނެއެވެ. ވަކިކުރެވުނު 15 މުވައްޒަފުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެންމެންނަކީ އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ވަރަށް ގާތް މީހުންނެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަޙްމަދު ނާސިފް (ޑީޑީ) ވިދާޅުވެފައިވަނީ، ތަހުގީގަށް ފަހިވާ ގޮތަށް އެޗްޑީސީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ފުލުހުންނާއި އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގު މަރުޙަލާއަށް ފަހިވާ ގޮތަށް އެ ކުންފުނީގެ އެތެރޭގެ ކަންކަން ވެސް ބައްޓަންކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފެށުނީ ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާއެރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފައެވެ.

