މި އަހަރުގެ މިއަދާ ހަމަޔަށް ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި މިއީ، ފަހުގެ ތާރީހުގައި އެ ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަހަރަކު މަދުވެގެން 100 މިލިއަން ރުފިޔާ އަށް ޒަކާތު ފަންޑުން ހޯދުމެވެ. އަދި ޝަރުޢީ އަސާސްގެ އަލީގައި ޒަކާތުގެ ޙައްޤުވެރިންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިވުން ކަމަށް ވިދާޅުވިއެވެ.
“މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޒަކާތުގެ ހާއްސަ އިދާރާއެއް އުފެއްދުމުގެ ހެޔޮ ނަތީޖާ،” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ޒަކާތު ފަންޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ޒަކާތު ދިނުމުގެ މުހިންމުކަމާ ބެހޭ ގޮތުން މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެއެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ޒަކާތު ފަންޑަށް ލިބޭ ފައިސާގެ އަދަދު އިތުރަށް އިތުރުވާނެ ކަމަށް އޭނާ އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޒަކާތާ ގުޅޭ ކަންކަން މިހާތަނަށް ކުރަމުން ދިޔައީ އިސްލާމިކް މިނިސްޓްރީގެ ވަކި ޑިޕާޓްމަންޓެއްގެ ދަށުންނެވެ. އެކަމަށް ހާއްސަ ވަކި އިދާރާއެއް އުފެއްދީ ޑިސެމްބަރު 18، 2023 ގަ އެވެ. ބޭސް ފަރުވާ އަދި މަތީ ތައުލީމު ހާސިލްކުރުމަށް ވެސް އެ ފަންޑުން އެހީތެރިކަން ދެއެވެ.
.

