ދިވެހިންގެ ލޭގައި ފިނިވަމުންދިޔަ ފުޓްބޯޅައިގެ ޖޯޝާއި ލޯބި އަލުން އާރޯވެ ދިރުން އަތުބެއްޖެއެވެ. ގަލޮޅު ދަނޑުގައި އެތައް އަހަރެއް ވަންދެން އޮތް ހަމަހިމޭންކަން ނިމުމަކަށް އައިސް، ސަޕޯޓަރުންގެ އަޑު ގުގުމާލައިއެވެ. ފުޓްބޯޅައަށް އޮތް ގަދަރާއި، ސަޕޯޓާއި މެޗުތައް ބަލަންދާހިތުން ތައްޔާރުވުމާއި ހުރިހާ ރައްޓެހިންނާއި އާއިލާ މީހުންނާއެކު ޕޮންޕޮން އާއި ބެރާއި އެހެނިހެން ސާމާނުތައްވެސް ތައްޔާރުކޮށް، ލުއި ފިނި ބުއިންތަކާއި ޕޮޕްކޯންފަދަ ކުޅިވަރުގެ ރޫހާ ގުޅުންހުރި ތަކެތި އެއްކުރުމާއި މެޗާ ގުުޅޭ ބެނާތަކާއި ޓީޝާޓުތައް ހޯދައި ހަމަ ކުރުންފަދަ ހުރިހާ ކަމެއް އޮތީ ވަޅުޖެހިފައެވެ. ގަލޮޅުދަނޑު އޮތީ ފަޅުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަކު އެކަން މިހާރު މާޒީއަށް ވެއްޖެއެވެ،
ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބޭއްވި ގޯލްޑް ކަޕް 2024 ގެ ސަބަބުން، ނެތެމުންދިޔަ ދަނޑުމަތީގެ ރޫހާއި ސަޕޯޓަރުންގެ ފޯރި އާއެކު ދިރުންނެތި ވަޅުޖެހެމުން ދިޔަ ލޯބި އަލުން އާލާކޮށްދީފި އެވެ،

ގޯލްޑުކަޕު؛ ނެތެމުންދިޔަ ދަނޑުމަތީގެ ރޫހާއި ސަޕޯޓަރުންގެ ފޯރިގެނެސްދީފި/ ފޮޓޯ: ރައީސްއޮފީސް
މީގެ ކުރިން ގަލޮޅު ދަނޑަކީ ސަޕޯޓަރުންގެ ފޯރިން ގުގުމާލާފައި އޮންނަ ތަނެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ދަނޑުގެ ދިރުން ގެއްލި، ބެލުންތެރިން ނެތި ކުޅެވުނު "އެކަނިވެރި" މެޗުތަކުގެ ސަބަބުން ފުޓްބޯޅައިގެ ރޫހު ވަނީ ކުޑަވެފައެވެ. މިކަން ބަދަލުކުރުމަށް ސަރުކާރުންނާއި ކުޅިވަރާ ގުޅުންހުރި ފަރާތްތަކުން ގިނަގުނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ. ހާއްސަކޮށް އަދުގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިކަމަށް ދެއްވި ސަމާލުކަން ބޮޑެވެ. މިކަން ހައްލުކޮށް ފުޓްބޯޅައިގެ ދިރުން އަނބުރާ ގެނައުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ނުހަނު ފުރިހަމަވެފައި ކާމިޔާބެވެ،

ގޯލްޑުކަޕުގެ މުބާރާތުގެ ތެރެއިން/ ފޮޓޯ: ރައީސްއޮފީސް
ގޯލްޑް ކަޕް 2024 އަކީ މި ދެންނެވި ފޮނިމީރު ނަތީޖާއެކެވެ. މި މުބާރާތުގައި ފެނިގެންދިޔައީ އަލުން ދިރި އާލާވެގެންދިޔަ ސަޕޯޓަރުންގެ ފޯރިއެވެ. ދަނޑުގެ ޖާގަ މަދުވި ނަމަވެސް، ޓިކެޓް ވިއްކާ ހުސްވެ، ގިނަ ބަޔަކަށް ދަނޑަށް ނުވަދެވި ތިބެންޖެހުނެވެ. ސަޕޯޓަރުން ދަނޑަން ނުވަދެވިގެން ހިތްހަމަނުޖެހުން ފާޅު ކުރާ އަޑާއި ދަނޑަށް ވަނުމަށް މަސަައްކަތްކުރާ މަންޒަރު ފެނުނީ އެތައް ގިނަދުވަސްތަކަކަށްފަހުގައެވެ. އަދި މިއީ ދިވެހިންގެ ހިތުގަައި ފުޓްބޯޅައަށް ދީފައިއޮންނަ ގަދަރާއި ލޯބީގެ ހެއްކެކެވެ.

ގޯލްޑުކަޕު؛ ނެތެމުންދިޔަ ދަނޑުމަތީގެ ރޫހާއި ސަޕޯޓަރުންގެ ފޯރިގެނެސްދީފި/ ފޮޓޯ: ރައީސްއޮފީސް
މުބާރާތުގައި ބައިވެރިވި ހުރިހާ ރަށެއްގެ ސަޕޯޓަރުންވެސް ދެއްކީ އާދަޔާ ހިލާފު ފޯރިއެކެވެ. ހާއްސަކޮށް ބ. އޭދަފުށި، އައްޑޫ ސިޓީ، އަދި އަލިފުށީގެ ސަޕޯޓަރުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ގުރައިދޫ، ހުރާ، ނައިފަރު، ފުވައްމުލައް، ދިއްދޫ އަދި ކުރެންދޫގެ ސަޕޯޓަރުންވެސް މުބާރާތަށް ގެނެސްދިނީ ހާއްސަ ކުލަވަރެކެވެ.
މި މުބާރާތުން ސާބިތުވީ ދިވެހިން އަދިވެސް ތިބީ ގަލޮޅު ދަނޑަށް ވަންނަން ބޭނުންވެފައި ކަމެވެ. އަދި ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައިވެސް މި ފޯރި ދެމިގެންދާނެކަމުގެ އުންމީދު އާވެއްޖެއެވެ. ނައިންޓީ ޕްލަސްގެ ފައުންޑަރ ޝާޒްލީ ވިދާޅުވި ގޮތުގައި އަންނަ އަހަރުވެސް މި މުބާރާތް ކުރިއަށްދާނެއެވެ. އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެއެވެ.

ގޯލްޑުކަޕު؛ ނެތެމުންދިޔަ ދަނޑުމަތީގެ ރޫހާއި ސަޕޯޓަރުންގެ ފޯރިގެނެސްދީފި/ ފޮޓޯ: ރައީސްއޮފީސް
ގޯލްޑް ކަޕް 2024 އަކީ ދިވެހި ފުޓްބޯޅައަށް އާ ފުރާޅެއް ލިބުނު މުބާރާތެކެވެ. މި މުބާރާތުން ދިވެހި ސަޕޯޓަރުންނަށް އާ އުއްމީދެއް ލިބި، ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބުނެވެ. މިއީ ދިވެހި ފުޓްބޯޅައިގެ އައު ސޮފްހާއެއްގެ ފެށުމެވެ. ގަލޮޅު ދަނޑުގައި އަނެއްކާވެސް ސަޕޯޓަރުންގެ އަޑު ގަދަވެ، ކުޅުންތެރިންގެ ފޯރި އިތުރުވެ، މުޅި ކުޅިވަރަށް އާ ދިރުމެއް ލިބިގެން ދިޔައެވެ.
މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ "އަލުން ދަނޑަށް" މި ޝިޢާރުގެ ދަށުން ކުރެވުނު މަސައްކަތުގެ ކާމިޔާބީއެވެ. ގިނަ އަހަރުތަކަކަށްފަހު، ގަލޮޅު ދަނޑުގައި އެންމެ ފޯރިގަދަ އަދި ހިތްގައިމު މެޗުތަކެއް ބެލުމުގެ ފުރުޞަތު ސަޕޯޓަރުންނަށް ލިބުނެވެ. ފައިނަލް މެޗުގައި ދަނޑު ފުރިގެން ދިޔަ މަންޒަރަކީ ކާމިޔާބު ވިކަމުގެ ނިޝާނެކެވެ.

ގޯލްޑުކަޕު؛ ރައީސް ޑރ މުއިއްޒާއި ސަރުކާރުގެ އިސްބޭފުޅުން ކުޅިވަރާބެހޭ ހާއްސަ ފަރާތްތައް ދަނޑުގައި، މިމަންޒަރު މިފެނުނީ ގިނަ އަހަރުތަކެއގެ މެދުކެނޑުމަށްފަހު/ ފޮޓޯ: ރައީސްއޮފީސް
ނައިންޓީ ޕްލަސްއިން މި މުބާރާތް އިންތިޒާމުކުރުމުގައި ޓީމުތަކުގެ ދައުރު ވަރަށް މުހިންމެވެ. ރަށްރަށުން މީހުން ގެނެސް، މާލޭގައި ބައިތިއްބައި، ޓިކެޓް ހޯދައިދިނުމުގައި ޓީމުތަކުން އިސްނަގައިގެން ކުރި މަސައްކަތް ފާހަގަ ކޮށްލެވެއެވެ. މިއީ ޓީމުތަކުގެ ފަރާތުން ސަޕޯޓަރުންނަށް ދެވުނު އަގުހުރި އެހީތެރިކަމެކެވެ.
ކުޅިވަރާބެހޭ ވުޒާރާގެ އެއްބާރުލުމާއި އެހީތެރިކަން މި މުބާރާތް ކާމިޔާބުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ. މި ކަމަށްޓަކައި ނައިންޓީ ޕްލަސްގެ ފަރާތުން ވުޒާރާއަށް ޝުކުރު އަދާކޮށްފައިވެއެވެ. މިއީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، އަލުން ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ މަގުސަދު ހާސިލުވި ކަމުގެ ހެއްކެކެވެ.

ގޯލްޑުކަޕު؛ ނެތެމުންދިޔަ ދަނޑުމަތީގެ ރޫހާއި ސަޕޯޓަރުންގެ ފޯރިގެނެސްދީފި/ ފޮޓޯ: ރައީސްއޮފީސް
މުބާރާތުގެ ކާމިޔާބީއާއެކު، އަންނަ އަހަރުވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއީ ދިވެހި ފުޓްބޯޅަ ލޯބިވެރިންނަށް ލިބޭ އުފާވެރި ހަބަރެކެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެކަމުގެ ޔަގީންކަން ވެސް ދެވިފައިވެއެވެ. މިއީ ކުރިއަށް އޮތް ތަނުގައި ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ގޯލްޑުކަޕު؛ ނެތެމުންދިޔަ ދަނޑުމަތީގެ ރޫހާއި ސަޕޯޓަރުންގެ ފޯރިގެނެސްދީފި/ ފޮޓޯ: ރައީސްއޮފީސް
ނިންމާލުމުގެ ގޮތުން ދަންނަވާނަމަ، ގޯލްޑް ކަޕް 2024 އަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ހަދާނެކެވެ. މި މުބާރާތުން ދިވެހި ފުޓްބޯޅައަށް އަލުން ދިރުން ލިބި، ގެއްލިފައިވާ ލޯބި އާލާވެ، ސަޕޯޓަރުންގެ ހިތްތަކުގައި އާ އުއްމީދުތަކެއް އާލާ ވެގެން ދިޔައީއެވެ. މިއީ ހަމައެކަނި މުބާރާތެއްގެ ކާމިޔާބީއެއް ނޫނެވެ. މިއީ މުޅި ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެކަމަކު ދެން އޮތީ އިތުރު ހިތްވަރު ކުރަން ޖެހޭ ހަގީގީ މަސައްކަތެވެ. މިއީ ބޮޑު ގޮންޖެހުމެއްކަން ގައިމެވެ. މިލިބިގެން ދިޔަ ކުރިއެރުން ދެމެހެއްޓުމުގައި ކާމިޔާބު ވެއްޖެކަމަށްވާނަމަ ދިވެހިންގެ ޒަމާންވީ ފުޓްބޯޅައިގެ ރޫހު އަލުން އިއާދަވީކަން ޔަގީންވީއެވެ!

