“ބިންވެރިޔާ” ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ގޯތިތަކެއް ދިން މައްސަލައިގައި ކުރަމުންދާ ޖިނާއީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އެ މިނިސްޓްރީގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
މިނިސްޓަރު ހައިދަރު މިކަމަށް އެދިވަޑައިގެންފައިވަނީ މިއަދު މުވައްޒަފުންނަށް ފޮނުއްވި އިންޓާނަލް މެމޯއެއްގައެވެ.
މި މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ 9 މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފައެވެ. މީގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ. މި މުވައްޒަފުން ސަސްޕެންޑްކޮށްފައިވަނީ މުސާރަ ނުހިނގާ ގޮތަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން ވެސް ފާހަގަކުރެވިފައިވެއެވެ.
މީގެ އިތުރުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އިއްޔެ ވަނީ މި ނިންމުން ނިމުމަކަށް ގެނެސްފައެވެ.
މި މައްސަލައާ ގުޅިގެން ޖުމްލަ 20 މީހެއްގެ ޕާސްޕޯޓު މިދިޔަ ހުކުރު ދުވަހު ވަނީ ހިފަހައްޓާފައެވެ. މީގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކުރީގެ ބައެއް ވެރިން ވެސް ހިމެނެއެވެ.
ފުލުހުން މިހާރު ވަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައެވެ. ފުލުހުން ބަލަމުންދަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލައެވެ. މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުމަށް މިނިސްޓަރު ހައިދަރު ވަނީ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.

