ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ދައުވާކުރުމާމެދު ގޮތެއް ނިންމެވުމަށް އޭސީސީން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާތައް ފަށައިފިއެވެ.
އޭސީސީން ވިދާޅުވީ އެކޮމިޝަނުން ތަހުޤީގުކުރައްވަމުން ގެންދަވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލާގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާކަމަށެވެ.
އަދި ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތް ނިންމައި، ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.
އޭސީސީން ތަހުޤީގުކުރައްވަމުން ގެންދަވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލާގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތެއް އެ ކޮމިޝަނުން ހާމަކުރައްވާފައެއް ނުވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލާގައި ދައުވާކުރުމާމެދު ގޮތެއް ނިންމަވަމުންދާއިރު، އެ ސްކީމްގެ ދަށުން ބިން ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެގެން އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ގެންދަވަނީ ތަހުޤީގުކޮށް، ފިޔަވަޅު އަޅުއްވަމުންނެވެ.
ގެދޮރުވެރިޔާގެ މައްސަލަ ހޫނުވެގެން ދިޔައީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އޭރު ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އެ ސްކީމުގެ ޝަރުތު ހަމަނުވާ ލިސްޓުގައި އޮއްވައި، ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. މައްސަލައާ ގުޅިގެން ފަޒުލް ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދީފައެވެ.
މި މައްސަލައިގައި ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން، އެޗްޑީސީގެ ބޯޑުގެ ގިނަ މެމްބަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ބޯޑު މެމްބަރުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.

