މިއަހަރުގެ މިހާތަނަށް 28 މީހަކު ޤުރުއާން ހިތުދަސްކޮށް، ޙާފިޡުކަމުގެ އިމްތިހާނު ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ގިނަ ބަޔަކު ޤުރުއާން ހިތުދަސްކޮށް، ޙާފިޡުކަމުގެ އިމްތިހާން ހެދުމަށް އެދިފައިވާ ކަމަށެވެ. އަދި މިހާރުވެސް 3 މީހަކު ޤުރުއާން ހިތުދަސްކުރުމަށްފަހު އިމްތިހާން ހަދަމުންދާ ކަމަށާއި، 2 މީހަކު އިމްތިހާނު ހެދުމަށް އެދިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
“މީގެ އިތުރުން ފަސް އަހަރުގެ ކުއްޖަކު ވެސް ޤުރުއާން ހިތުދަސް ކުރުމަށް ފަހު މުރާޖަޢާ ކުރުމަށް އެދިފައިވޭ. ރާއްޖޭގެ ޙާފިޡުންގެ ތެރޭގައި މިހާރުވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ،” ވަޒީރު ޑރ ޝަހީމު
ރާއްޖޭގައި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑައްޔާއި ހަނދާނީ ލިިޔުމާއި އިނާމު ދެއްވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އެގޮތުން، އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލުކުރި 28 ޙާފިޡުންނަށް މިއަހަރު މި މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއްވެސް މިއަހަރު އިފްތިތާޙުކުރައްވާފައެވެ. މި މަޝްރޫއުގެ ދަށުން ޢުމްރާ ދަތުރުގެ ފުރުސަތު ފުރަތަމަ އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށެވެ.
ދީނީ ކަންތައްތަކަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤުރުއާނަށް ޝައުގުވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

