މިއީ ސުކޫލު އަހަރީބަންދު ބޮޑު ޗުއްޓީ، ދަރިން ކިޔެވުމާ ދުރުނުކޮށް ޗުއްޓީގެ އުފަލާއިމަޖަލާއެކު ސުކޫލު ހުޅުވެންވާއިރަށް ތައްޔާރުކޮށް ސިކުނޑި ތާޒާކޮށް ބެހެއްޓުމަށް "ހޮލިޑޭ ޕްރޮގުރާމުތައް"!
ސުކޫލު ބަންދުވުމާއެކު ގިނަ ދަރިވަރުން އުފާވެ އުޅެނީ ކިޔެވުމުގެ ބުރަ މަސައްކަތުން ވަގުތީ ގޮތުން ސަލާމަތްވެވުނީތީއެވެ. ނަމަވެސް، މި ދިގު ޗުއްޓީގައި ކިޔެވުމާ މުޅިން ދުރުވެ، ހަމައެކަނި މަޖަލާއި ކުޅިވަރުގައި ވަގުތު ހޭދަކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫނެވެ. މިކަމަށް ޙައްލެއްގެ ގޮތުން، ގިނަ ފަރާތްތަކުން މިހާރު ކުރިއަށް ގެންދަނީ "ހޮލިޑޭ ޕްރޮގްރާމް" ގެ ނަމުގައި ޚާއްޞަ ކުލާސްތަކެކެވެ.
މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ސިކުނޑި ތާޒާކޮށް، އާ އަހަރަށް ތައްޔާރުކުރުވުމެވެ. މި ކުލާސްތައް ފަރުމާކޮށްފައި ހުންނަނީ ދަރިވަރުންނަށް ޗުއްޓީގެ މަޖަލާއި އުފާ ލިބޭނެ ގޮތަށް، އެކަމަކު ހަމައެއާއެކު ކިޔެވުމުގެ ރޫޙު ދެމެހެއްޓޭނެ ގޮތަށެވެ. އާންމުކޮށް މި ޕްރޮގްރާމްތައް ހިންގަނީ އެއް ހަފުތާގެ މުއްދަތަށެވެ.
މި ކުލާސްތަކުގެ ޚާއްޞަ ކަމަކީ ކިޔަވައިދިނުމުގެ ގޮތްތައް ތަފާތުވުމެވެ. އާންމު ސުކޫލު ކުލާސްތަކާ ޚިލާފަށް، މި ކުލާސްތަކުގައި ބޮޑަށް ބާރުއަޅަނީ އަމަލީ ގޮތުން ކަންކަން ދަސްކޮށް ދިނުމަށެވެ. މިސާލަކަށް، ބަހުގެ ގަވާއިދުތައް ކިޔަވައިދެނީ ކުދި ޑްރާމާތަކާއި ކުޅިވަރުތަކުގެ ތެރެއިންނެވެ. މިގޮތުން ކިޔަވައިދިނުމުން ދަރިވަރުންނަށް ފަސޭހައިން އެކަންކަން ދަސްވެ، ހަނދާނުގައި ރަނގަޅަށް ހިފެހެއްޓެއެވެ.
ހަމައެހެންމެ، މި ޕްރޮގްރާމްތަކުގައި ވާދަވެރި މާޙައުލެއް އުފައްދައި، ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރެއެވެ. ޚާއްޞަކޮށް ހިސާބު ފަދަ މާއްދާތައް ކިޔަވައިދެނީ ކުޅިވަރުގެ ސިފައިގައެވެ. މީގެ ސަބަބުން ކުދިންނަށް ކިޔެވުމަކީ ބުރަ މަސައްކަތެއްގެ ބަދަލުގައި މަޖާކަމަކަށް ވެގެންދެއެވެ.

ފޮޓޯ:ޝަފާ/ހުވަދޫމީޑިއާ
މި ޕްރޮގްރާމްތަކުގެ އަނެއް މުހިންމު ކަމަކީ ކުދިންގެ ފެންވަރު ވަޒަންކުރުމެވެ. ޕްރޮގްރާމް ނިމުމުން ކޮންމެ ދަރިވަރަކަށްވެސް ދެވެނީ އެ ދަރިވަރެއްގެ މަސައްކަތްތައް އެކުލެވޭ ފައިލެކެވެ. މީގެ އިތުރުން، ކުލާސްތަކުގައި ކިޔަވައިދިން ހުރިހާ އެއްޗަކުން ނަގާ އިމްތިހާނެއްގެ ނަތީޖާވެސް ހިމެނެއެވެ. މިކަމުން ބެލެނިވެރިންނަށް އެމީހުންގެ ދަރިންގެ ކުރިއެރުން ފެންނަން އޮވެއެވެ.
ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބައެކެވެ. މި ރަސްމިއްޔާތުގައި އެންމެ ފުރިހަމަ ކާމިޔާބީ ހޯދާ ކުދިންނަށް ޚާއްޞަ ހަދިޔާ ދެވެއެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ހަދިޔާއަކާއެކު އެ ކުއްޖެއްގެ ފައިލު ހަވާލުކުރެވެއެވެ. މިއީ ކުދިންގެ ހިތްވަރު އިތުރުކޮށް، އެމީހުންގެ މަސައްކަތް ފާހަގަކުރުމުގެ ރަމްޒީ ގޮތެކެވެ. މި ޕްރޮގްރާމްތަކުގެ ފައިދާ ވަރަށް ބޮޑެވެ. ޗުއްޓީ ވުމުން، ސުކޫލު ބަންދުވުމުން، ފޮތްތަކާ ދުރުވެ، ކިޔެވުމުގައި ފަހަތަށް ނުޖެހި ތާޒާކޮށް ސިކުނޑި ބެހެއްޓުމަށް ވަރަށް މުހިންމު ފުރުޞަތެކެވެ. ގިނަ ބެލެނިވެރިން މި ޕްރޮގްރާމްތަކަށް ކުދިން ފޮނުވަނީ މި ސަބަބަށްޓަކައެވެ.
އަތޮޅުތެރެއިން މާލެ އަންނަ ކުދިންނަށްވެސް މިއީ ރަނގަޅު ފުރުޞަތެކެވެ. މި ކުދިން މާލޭގައި ހޭދަކުރާ ވަގުތު ބޭނުންކުރަނީ ހަމައެކަނި މަޖާކުރުމަށް ނޫނެވެ. އޭގެ ބަދަލުގައި ކިޔެވުމަށްވެސް ވަގުތު ހޭދަކޮށް، ރަށަށް ދާއިރު ގިނަ އެއްޗެހިތަކެއް ދަސްކޮށްގެން ދެވެއެވެ.ނަމަވެސް، މި ޕްރޮގްރާމްތައް ހިންގާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އެމީހުންވެސް ބޭނުންވަނީ ޗުއްޓީއެކެވެ. އެހެންނަމަވެސް، ބެލެނިވެރިންގެ އާދޭސްތަކާއި ކުދިންނަށް އެހީތެރިވުމުގެ ބޭނުން އޮތުމުން، އެމީހުން މި މަސައްކަތް ކުރިއަށް ގެންދެއެވެ.
"ހޮލިޑޭ ޕްރޮގްރާމް" ތަކަކީ ދަރިވަރުންނަށް ޗުއްޓީގެ މަޖާ ލިބެމުން، ހަމައެއާއެކު ކިޔެވުމުގެ ރޫޙު ދިރުވައި، އާ އަހަރަކަށް ތައްޔާރުވުމަށް އެހީތެރިވެދޭ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމަކީ ބުރަ މަސައްކަތެއްގެ ބަދަލުގައި މަޖާކަމަކަށް ވެގެންދެއެވެ. އަދި މީގެ ސަބަބުން ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިވެ، އާ އަހަރަށް ތައްޔާރުވެ، ސިކުނޑި ތާޒާވެގެންދެއެވެ.

