ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ވަޒީރުންގެ މަޖިލީހަށް މުހިންމު ބަދަލުތަކެއް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރައްވައިފިއެވެ.
މި ބަދަލުތައް ގެންނެވުމަށްފަހު، އައު ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނެވެ.
މި ރަސްމިއްޔާތުގައި އަލަށް ޢައްޔަނު ކުރެއްވި ވަޒީރުންނަކީ:
- 1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ. ބުރުނި، ނިވައިދޮށުގެ މޫސާ ޒަމީރު
- 2. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް، މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
- 3. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް، މއ. މާރާދަގެ ޑޮކްޓަރ މަރްޔަމް މާރިޔާ
- 4. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް، ގދ. ފިޔޯރީ، ގުލްބަކާގެ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
އައު ވަޒީރުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިނެވެ. ހުވައި ކުރެއްވުމަށްފަހު، އެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ އަހަރެއް ކަމުގައެވެ. އަދި މިނިސްޓްރީތަކުގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް އެމަނިކުފާނު ބާރު އެޅުއްވިއެވެ.

