ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފެނަކަ ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބަޔާން ކުރެއްވި ގޮތުގައި ސައީދުގެ މައްޗަށް ދައުވާ ކުރީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލައިގައެވެ.
އަދި ފެނަކަ ސައީދުގެ މައްޗަށް މި ދައުވާތައް ކުރުމަށް 26 ޑިސެންބަރު 2024 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވާން ވެސް އަންގާފައިވެއެވެ.
ސައީދުގެ މައްޗަށް ކުރި ދައުވާއަކީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ވެސް ކުރެވިފައިވެއެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.
މި އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ) ގެ ގެއްލުން ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.

