ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރި ވަމުން ދިޔަ ބޭރުގެ މަސް ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއަރ ކޯރގެ ޑްރޯންގެ އެހީގައި އަތުލައިގަނެފިއެވެ.
އެމްއެންޑީއެފްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބޯޓު އަތުލައިގަތީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯންގެ އެހީގައި ބޯޓު ލޮކޭޓް ކުރުމަށްފަހު، ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެ ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަ ކޮށްފައި ނުވި ނަމަވެސް، މިފަދަ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވުމަށް އެމްއެންޑީއެފްއިން ގެންދަނީ ހާއްސަ ސަމާލު ކަމެއް ދެމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުވެސް ރާއްޖެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ޑިންގީއެއްގައި އުޅުނު ބޭރު ގައުމެއްގެ ބަޔަކު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސް، ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ އެމްއެންޑީއެފްގެ އިސްކަންދޭ ކަމެކެވެ. ޑްރޯނުގެ އެހީގައި މި ބޯޓު އަތުލައިގަތުމަކީ މި ދާއިރާގައި ކުރިއެރުން ހޯދަމުންދާކަމުގެ ހެއްކެކެވެ.

