މާތްﷲގެ ރަޙުމަތާމެދު މާޔޫސުވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިގޮތުން، ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުމަށް އިރުޝާދު ދެއްވަމުން، ހިތްދަތި ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަންވާނީ އަޒުމާއި ހިތްވަރާ އެކުގައި ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން މިމައުޟޫގެ މައްޗަށް އަލިއަޅުވައި މިއަދުގެ ހުތުބާގައި ބުނީ ހިތްދަތި ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަންވާނީ އަޒުމާ ހިތްވަރާ އެކުގައި ކަމަށެވެ. ކިތަންމެ ޢަޤީދާ ވަރުގަދަ މީހަކު ވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ޙާލަތެއް އަތުވެދާނެ ކަމަށާއި، އެފަދައިން ކަންތައްތައް ވުމަކީ އެއީ އެމީހާގެ ޢަޤީދާގެ ބަލިކަށިކަމުން ވާ ކަމެއް ނޫން ކަމަށާއި، އެކަމަކު އެއީ އިންސާނާގެ ނަފްސުގެ ބަލިކަށިކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އިންސާނާގެ ނަފުސު މާޔޫސްކަމުން ސަލާމަތްވުމަށްޓަކައި ޢަޤީދާގައި ސާބިތުވުމަކީ މުހިންމު ކަމެއް ކަމަށާއި، މިގޮތުން ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ ވަރުގަދަ ޢަޒުމަކާއެކު ސަލާމަތުގެ އައްސޭރިއަށް ވާސިލުވެވިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވުމުގެ ގޮތުން ކިޔައިދީފައިވެއެވެ. "ކީރިތި ޤުރުއާނުގައި މާޔޫސްވުމާއި އުންމީދު ކެނޑުމާމެދު އެތައް ބަސްފުޅެއް އައިސްފައިވެއެވެ. އެއީ އަޅާ، އޭނާގެ ވެރިރަސްކަލާނގެ ހަޒުރަތަށް ރުޖޫއަވެ، ތައުބާވުން ކަމުގައި ވިޔަސް ނުވަތަ ގަޟާ ގަދަރާ ގުޅުންހުރި ކަމެއް ކަމުގައި ވިޔަސް މެއެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ މާޔޫސުމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދިނުމުގެ ބާރެއްގެ ގޮތުންނެވެ. ކަންކަމުގައިﷲއާއި ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.
އަދި މާތްﷲގެ ރަޙުމަތާމެދު މާޔޫސުވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި ސިފަކުރައްވައިﷲތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މަގުފުރެދިގެންވާ މީހުން މެނުވީ އެމީހެއްގެ ވެރި ރަސްކަލާގެ ރަޙުމަތާމެދު އުންމީދު ކަނޑާލާނީ ފަހެ ކާކުހެއްޔެވެ!"
އަހަރެމެންނަށް އެންމެ ހެޔޮކަން ބޮޑު ގޮތް ދެނެވޮޑިގެން ވަނީ މާތްﷲއެވެ. އަހަރެމެންނަށް އެކަން ނޭނގިދާނެއެވެ.
އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ގެއްލުން ހުރި ކަމަކަށް ވެދާނެތެވެ. އަދިﷲހުރިހާކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ."
އަހަރެމެންނަށް އެންމެ ހެޔޮކަން ބޮޑު ގޮތް ދެނެވޮޑިގެން ވަނީ މާތްﷲ ކަމަށާއި، އަހަރެމެންނަށް އެކަން ނޭނގިދާނެ ކަމަށާއި، މުއުމިނުންނަކީ އެންމެ ބޮޑެތި މުސީބާތްތަކުގެ ވަގުތުގައި ވެސް މާތްﷲގެ ރަޙްމަތާއި ލުޔަށް އުންމީދު ކުރާ، އެ މީހުންގެ ގޮތަށް ޔަޤީންކަމުން ފުރިގެންވާ ބައެއް ކަމަށްވެސް ބުންޏެވެ. އަދި މާތްﷲގެ މަގުގައި ސާބިތުވެ ހުންނަ މީހަކު މާޔޫސް ވެގެން ނުވާނެއެވެ އޭނާ ޢަމަލު ކުރާނީ ﷲސުބުޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅާ އެއްގޮތަށެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން ފާފައިން އިސްރާފުކޮށްފައިވާ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ ތިޔަބައިމީހުންﷲގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ!"
ދިރިއުޅުމުގެ ޙަޔާތަކީ ހިތްދަތިކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ޙަޔާތެއް ކަމަށާއި، ދަތި އުނދަގުލަށް ފަހު ފަސޭހަކަން އަންނާނެކަން ކަށަވަރު ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އަދި މުއުމިނު އިންސާނާއަށް ހުރިހާ ކަމެއްގައި ވެސް ވަނީ ހެޔޮކަމެއް ކަމަށާއި، އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ ޝުކުރުވެރިވެ، ހިތްދަތިކަމެއް މެދުވެރިވެއްޖެ ނަމަ ކެތްތެރިވާންވާނެ ކަމަށްވެސް ބުންޏެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިތަކަށް ފަހު، ބައެއް މީހުންނަށް ލުޔެއް ލިބޭނެކަމުގެ އުންމީދު ކަނޑާލެވޭ ކަމަށާއި، ނަމަވެސް އިންސާނާއާ އެކި ގޮތްގޮތުން ދިމާވާ މުސީބާތްތަކާއި ދަތިކަން ފިލަދިޔުން ﷲގެ އިރާދަފުޅުގައި ވަނީ ކަނޑައަޅުއްވާފައި ކަމަށާއި އެހެންނަމަވެސް ބައެއް މީހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ އެފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ނާއުންމީދުގެ ބަސްތައް ތަކުރާރުކުރުން ކަމަށް ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރުއާނުގައި މާޔޫސްވުމާއި އުންމީދު ކެނޑުމާމެދު އެތައް ބަސްފުޅެއް އައިސްފައިވާ ކަމަށާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ މާޔޫސްކަމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދިނުމުގެ ބާރެއްގެ ގޮތުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ކަންކަމުގައި ﷲއާ ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށްވެސް ފާހަގަކުރިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުން އަޅާގެ ހިތަށް ހަމަޖެހުން ލިބެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެއުރެންނީ އީމާންވާ މީހުންނޭ، އަދި ﷲ ހަނދުމަ ކުރުމުން އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ!"
ހިތްތަކަށް ހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެޔޮލަފާ މީހުންނާ އެކުގައި އުޅުމާއި، އެމީހުންގެ ވާހަކަތައް އަޑުއަހައި އެމީހުންގެ ނަސޭހަތްތަކުގެ ފައިދާ ހޯދުން ހިމެނޭ ކަމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ކީރިތި ޤުރުއާނާ މެދު ވިސްނައި ފިކުރުކޮށް އެ ފޮތް ކިޔެވުމަކީ ހިތާމަތައް ފިލުވައި ކަންބޮޑުވުންތަކާއި ހިތްދަތިކަން ދުރުކުރުމުގައި، އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން، ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކުރާ ޒިކުރުތަކާއި، ދުވާލާއި ރޭގަނޑުގެ އެހެނިހެން ވަގުތުތަކުގައި ކުރާ ޒިކުރުތަކަކީ ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ހުތުބާގައި ބުންޏެވެ. މި ޒިކުރުތަކުން މުސްލިމު އަޅާ މާތްﷲގެ ވާގިފުޅާއި ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޚުޠުބާ ނިންމަވާލެއްވީ ދިރިއުޅުމުގައި ދިމާވާ ދަތިކަމާ މެދު މާޔޫސްވެ އެކަލާނގެ ރަޙްމަތުން އުންމީދު ކަނޑާލައި ޝައިޠާނާގެ މަގަށް ތަބާވާކަމުގައި އަޅުތަކުން ނުލެއްވުމަށް އެދި ދުޢާކުރައްވައި، އަދި އަޅުތަކުންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރުމަށް ފަހުގައެވެ.

