ބޮލުން އިސްތަށި ފޭބުމަކީ މިއަދު އަންހެނުން އަދި ފިރިހެނުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް އުނދަގުލެވެ. ޒުވާން އުމުރުގައި ބޮލުގައި އޮންނަ ފަތްކޮޅު ފައިބައިގެން ދިއުމަކީ ބައެއް މީހުންގެ ޒުވާން ސިފަ ގެއްލިގެންދާ ކަމެކެވެ. އަދި މިކަމާ ހިތާމަ ކުރާ މީހުން ވެސް މަދެއް ނޫނެވެ. ވުމާއެކު، މިކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟ ބޮޑު އަގު ދީފައި ޓްރީޓްމެންޓް ނެގުން ހެއްޔެވެ؟ ނޫނީ އަމިއްލައަށް ފަރުވާ ކުރުން ހެއްޔެވެ؟
ބޮޑު އަގު ދީގެން ކުރާ ޓްރީޓްމެންޓްގެ ބަދަލުގައި ގޭގައި ދޭ ފަރުވާ އަކީ ހިލޭ އަދި މާ ފައިދާ ހުރި ފަރުވާއެކެވެ. އެގޮތުން މި ކިޔައިދެނީ މިކަމުގައި އެހީއަކަށް ވެދޭނެ ބައެއް ކަންކަމެވެ.
1 އެލޯވެރާ
އެލޯވެރާއަކީ އިސްތަށި ފޭބުމުގެ މައްސަލައިގެ އިތުރުން ބޮލުގައި ހަންފޮޅުން ފަދަ މައްސަލަތަކަށް ވެސް އޮތް ހައްލެކެވެ. ހަފުތާއަކު ދެތިން ފަހަރަކު ބޮލުގެ އިސްތަށިގަނޑުގައި ސާފު އެލޯވެރާ ޖެލް އުނގުޅިދާނެއެވެ. ނުވަތަ އެލޯވެރާ ހިމެނޭ ކޮންޑިޝަނަރ އާއި ޝެމްޕޫ ވެސް ބޭނުން ކުރެވިދާނެއެވެ.

2. ކާށިތެޔޮ
ކާށި ތެލަކީ އިސްތަށިގަނޑުން ޕްރޮޓީން ގެއްލޭ މިންވަރު ކުޑަކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އިސްތަށިގަނޑު ބޯކޮށްދީ ވިދުން ގަދަ ކޮށްދޭނެ އެއްޗެއް ވެސް މެއެވެ.
އިސްތަށިގަނޑު ދޮވުމުގެ ކުރިން ނުވަތަ ފަހުން ވެސް ކާށިތެޔޮ ބޭނުން ކުރެވިދާނެއެވެ. އަދި ތެޔޮ އެޅުމަށްފަހު މަސާޖް ކޮށްލާށެވެ. އިސްތަށިގަނޑު ތެޔޮވެއްޖެނަމަ ރޭގަނޑު ނުވަތަ ދޮވުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް ބަހައްޓާފައި ދޮވެލާށެވެ.

3. ފިޔާ ޖޫސް
ފިޔާ ޖޫހުގެ ވަސް ހިފަހައްޓާލެވޭނެނަމަ އެއީ ވަރަށް ފައިދާ ހުރި އެއްޗެކެވެ. ފިޔާ ޖޫހަކީ އިސްތަށިގަނޑު ފޭބުމުގެ މައްސަލަތަށް ކުޑަކޮށްދޭނެ ޖޫހެކެވެ.
ފިޔާ ޖޫސް ބޭނުން ކުރުމަށް ފިޔާކޮޅެއް މިކްސަރަށް އަޅައި ފުނޑުފުނޑު ކުރުމަށްފަހު އޭގެ ޖޫސްކޮޅު ފެލާލާށެވެ. އިސްތަށިގަނޑުގައި ޖޫސް އެޅުމަށްފަހު މަދުވެގެން 15 މިނެޓު ވަންދެން ބަހައްޓާށެވެ. ދެން ޝޭމްޕޫ އަޅައިގެން ރަނގަޅަށް ދޮވެލާށެވެ.

4. ގްރީން ޓީ
ގްރީން ޓީގައި ބޮލުގައި އިސްތަށި އިތުރަށް ފެޅުމަށް މަގުފަހިކޮށްދޭ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެއެވެ.
ހޫނު ފެނަށް ދެ ގްރީން ޓީ ސައިފަތް ޕެކެޓް އެޅުމަށްފަހު ފިނިކުރަން ބަހައްޓާށެވެ. އަދި ޝެމްޕޫ އިން އިސްތަށިގަނޑު ދޮވުމަށްފަހު ގްރީން ޓީ އިން ދޮވެލާށެވެ.

5. ރޯޒްމެރީ އޮއިލް
ރޯޒްމެރީ ތެލަކީ އިސްތަށިގަނޑު ބޮޑުވުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.
ރޯޒްމެރީ ތެޔޮ ފޮދެއް ކާށީ ތެޔޮ ފޮދަކާ އެއްކޮށްލާށެވެ. މި ތެޔޮ ބޮލުގެ އިސްތަށިގަނޑުގައި މަސާޖުކުރުމަށްފަހު ދޮވެލުމުގެ ކުރިން މަދުވެގެން 30 މިނެޓު ވަންދެން ބަހައްޓާށެވެ.


