އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އިލެކްޓްރޯނިކް ސާމާނުތައް ފުލުހުން ގެންގޮސްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މި ދެ ބޭފުޅުންގެ އެޕާޓްމަންޓްތަކަށް ވަދެ ބަލައި ފާސްކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މީގެ އިތުރުން، ހުޅުމާލޭ ވިނަރެސް ފްލެޓްގައި ހުންނަ މޫކޭގެ އަނބިކަނބަލުންގެ އެޕާޓްމަންޓަށްވެސް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވެއެވެ.
މި ޢަމަލު ހިންގާފައިވަނީ އާރުޑީސީގެ 14 މިލިއަން ރުފިޔާ އެ ކުންފުނީގެ އިސް ތިން ބޭފުޅުންގެ އަމިއްލަ އެކައުންޓްތަކުގައި ދައުރުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. މިދިޔަ މާރިޗު މަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން މި މަޢުލޫމާތު ހާމަކޮށް، މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.
ފުލުހުންގެ ބަހުން، މި ދައުރުކުރެވުނު ފައިސާގެ ތެރެއިން އެއް ފަރާތެއްގެ އެކައުންޓަށް އެކަނި 11 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށާއި، އަނެއް ދެ ފަރާތުގެ ތެރެއިން ކޮންމެ ފަރާތެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި ފައިސާތައް އޭރުގެ ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ އެކައުންޓްތަކަށް ވަދެފައިވާ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މި ތުހުމަތުތައް މޫކޭ ވަނީ ދޮގުކުރައްވާފައެވެ. .

