އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގ އަވަހާރަވުމާއި ގުޅިގެން ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މަންމޯހަން އަވަހާރަވެފައިވަނީ ހާލުކޮޅު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 92 އަހަރެެވެ. މަންމޯހަން ސިންގ އަވަހަރާވިއިރު، އަނބިކަނބަލުންނާއި ތިން އަންހެން ދަރިކަނބަލުން ތިއްބެވިއެވެ.
މަންމޯހަން އަވަހާރަވުމާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ރައްޔިތުންގެ މި ހިތާމަވެރި ވަގުތުކޮޅުގައި އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި މަންމޯހަން ސިންގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަންމޯހަން ސިންގ ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅަކީ ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީގައި މުހިންމު ދަތުރުފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ “ލުކް އީސްޓް ޕޮލިސީ” އަކީ މުޅި ދެކުނު އޭޝިއާގެ ތަރައްގީއަށް މުހިންމު ޕޮލިސީއެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިންޑިޔާގެ ތާރީޚުގައި އުފެދުނު އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސިންގ ވަނީ، އިންޑިޔާގެ ބޮޑުވަޒީރުގެ މަޤާމު 2004ން 2014ވަނަ އަހަރާ ހަމައަށް އަދާކުރައްވައިފައެވެ. އިންޑިޔާގެ އެއިމްސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ފަދަ ގިނަ ސިޔާސީ ލީޑަރުން ވަނީ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.
މަންހޯމަން ސިންގގެ ސިޔާސީ ހަޔާތްޕުޅުގައި އިންޑިޔާގެ އިޤްތިޞާދާށާއި އިޖުތިމާޢީ ބައެއް ސިޔާސަތުތަކަށް ގެންނެވި އިންޤިލާބީ ބަދަލުތައް ގިނަ ބަޔަކު އަދިވެސް ފާހަގަކުރެއެވެ.

