ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން މޯލްޑިވިއަން އިން 50،000 ގަސް އިންދުމަށް ޕްލެޖްކޮށް، މިއަދު ގަސް އިންދަން ފަށައިފިއެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދަމަހައްޓައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ.
މޯލްޑިވިއަންގެ ސީއީއޯ މުހައްމަދު ރަޝީދު ވިދާޅުވީ މޯލްޑިވިއަން އިން 50،000 ގަސް އިންދުމަށް ޕްލެޖްކޮށްފައިވާއިރު މިއަދު ހުޅުލޭގައި ފުރަތަމަ ގަސްތައް އިންދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާހް ކުރެވިގެންދިޔައީ މިއަހަރުގެ ތިމާވެށީދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން އިންދޭ ގަސްތަކުގެ ތެރޭގައި ރުއް، ފަރު، ކަނީރު އަދި އެހެނިހެން ބާވަތްތަކުގެ ގަސްތައް ހިމެނެއެވެ. މި ގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށްދާނީ ރާއްޖޭގެ އެކި ރަށްރަށުގައެވެ.

