ވައްކަން ކުރުމަށްފަހު އެތަކެތި މިސްކިތުގައި ފޮރުވި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ 28 އަހަރުގެ މުޙައްމަދު އަބޫ ޖަފަރެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރެއްގައި ވަނީ އޭނާގެ މައްޗަށް ވައްކަމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ތުހުމަތު ކުރެވޭ ކަމަށް ބަޔާންކޮށްފައެވެ.
ބަންދު އަމުރުގައިވާ ގޮތުން، ވަގަށް ނެގި ކަމަށް ބެލެވޭ ތަކެތި ހިފައިގެން ޖަފަރު އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަން ހުއްޓެވެ. ނަމަވެސް، ޖަފަރު ބުނާ ގޮތުގައި އެ ތަކެތި ބަލާ ދިޔައީ ދިވެހި މީހަކު ބުނެގެން ކަމަށާއި، އެއީ ވަގަށް ނަގާފައިވާ ތަކެތިކަން އޭނާއަށް ނޭނގޭ ކަމަށެވެ.
އެހެންނަމަވެސް، ޖަފަރު އެ ތަކެތި މިސްކިތެއްގެ ތެރޭގައި ފޮރުވާފައި ބެހެއްޓި ގޮތާއި، އެ ތަކެތި އުފުލި ގަޑިން ވެސް ވަރަށް ބޮޑަށް ވައްކަމުގެ ޝައްކު ކުރެވޭ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ޖަފަރުގެ ވޯކް ވިސާ މިދިޔަ ނޮވެންބަރު މަހުގައި ހަމަވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޖަފަރު 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރެވެމުން އެބަދެއެވެ.
ރާއްޖޭގައި ބިދޭސީންގެ މައްސަލަތައް މިފަހަކަށް އައިސް އާދަޔާޚިލާފަށް ބޮޑުވެފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީ ހިންގުން ފަދަ ބޮޑެތި ކުށް ކުރުމުގައި އެންމެ އިސްކޮށް ބިދޭސީން ހަރަކާތްތެރިވަމުން ދެއެވެ. މިފަދަ މައްސަލަތަކަށް އިތުރު ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

