މުޖްތަމަޢު ތެރެއިން ކޮވިޑް ކޭސްތަކެއް ފެނިގެން ގއ.ކޮލަމާފުށި މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފިއެވެ.
ކޮލަމާފުށި ކައުންސިލުން ބުނީ 25 ސެޕްޓެމްބަރުގައި އެރަށު ސިއްޙީ މަރުކަޒުގެ ފުލޫ ކްލިނިކަށް ދެއްކި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް މިއަދު ކޮވިޑް 19 އަށް ފައްސި ވެފައި ވުމާއި ގުޅިގެން، މުޖްތަމަަޢު ތެރެއަށް ބަލި ފެތުރިފައިވާ މިންވަރު ބަލައި، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ރަށް މޮނިޓަރިންގ އަށް ލެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ އެރަށް މޮނިޓަރިންގ އަށް ލެވިފައިވާ މިދަނޑިވަޅުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ސަމާލުކަންދިނުމުގެ ގޮތުން މާސްކު ބޭނުންކުރުމާއި ގިނަގިނައިން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމާއި
ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ،
އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެ ކަމަށެވެ. އަދި ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ ކަމަށެވެ.
މި ވަގުތު ގއ.ކޮލަމާފުށި އިތުރުން ގއ.ގެމަނަފުށި، ގއ.މާމެންދޫ އަދި އެ އަތޮޅު ވިލިނގިލި ވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

