ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ހިމެނޭ ފުލުހުންގެ އުޅަނދު ދުއްވި މީހާގެ އިހުމާލެއް އޮތްތޯ ބަލަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި އެކްސިޑެންޓެގައި އަނިޔާވި 18 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އަދި މިހާރު ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގާފައިވަނީ ޒުވާނާ ދުއްވަމުން ދިޔަ ސައިކަލް ފުލުހުންގެ ކާރެއްގައި ޖެހުމުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި އެކްސިޑެންޓުގެ ސަބަބުން ފުލުހުންގެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ހިލާފުވެގެން އެ ގާނޫނުގެ ދަށުން މިމަހުގެ 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއްކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށެވެ.

