މަޖީދީ މަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާދަމާއިން ފެށިގެން ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބްލޮކްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާތީ މާދަމާ އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

ޓްރެފިކް ފްލޯ އަށް ގެނެވިފައިވާ ބަދަލު އެނގޭ ޗާޓު
މިހާރު ގެނެސްފައިވާ ބަދަލާއެކު، މާދަމާއިން ފެށިގެން މަޖީދީ މަގުގެ އަރަބިއްޔާ ސްކޫލު ބްލޮކަށްވާ ފަޅި ދުއްވާ އެއްޗެއްސަށް ބަންދުވާނެ އެވެ. އަދި ލެކިއުޓް އިން ފެށިގެން ގޮސް މަޖީދީ މަގު-ޗާންދަނީ މަގު ޓްރެފިކް ލައިޓާ ހަމައަށް އަދި، ކެމްޕަސް ފިހާރައިން ފެށިގެން ބަރުބަރީ މިސްކިތާ ހަމައަށް ޓްރެފިކް ކޮންޓްރޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސިޓީ ކައުންސިލުން ވަނީ މި ބަދަލާއެކު ދަތުރުކުރައްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

