އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާރް ބެން-ގްވީރް، އަލް އަގްސާ މިސްކިތަށް ވަނުން ދިވެހިރާއްޖެއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިއްޔެގެ ވަގުތެއްގައި އިޓަމާރް ބެން-ގްވީރް އަލް އަގްސާ މިސްކިތަށް ވަދެ، އެތަނުގެ ކޮމްޕައުންޑުގައި ޔަހޫދީ ސިނަގޯގެއް ހަދާނެ ކަމަށް ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން މި އަމަލު ސިފަކޮށްފައިވަނީ އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް އިޒްރޭލުން ތަކުރާރުކޮށް ކުރަމުންދާ އަމަލެއްގެ ގޮތުގައެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއްކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
“މިއީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް،” މިނިސްޓްރީން ބުނެފައިވެއެވެ.
މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް މިނިސްޓްރީން ގޮވާލައިފައިވެއެވެ.
އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

