ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހޮސްޕިޓަލްތަކަށް ފޮނުއްވި ލިޔުމެއްގައެވެ.
މިނިސްޓަރު ނާޒިމް އެ ލިޔުމުގައި ފާހަގަކުރައްވާފައިވަނީ ރާއްޖޭގައި ނަފްސާނީ އެކި އުނދަގޫތައް ދިމާވާ މީހުންގެ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވަމުންދާ ކަމަށެވެ. އަދި މީގެ ސަބަބުން ނަފްސާނީ ބަލި ހާލަތު ތަހައްމަލުކުރާ މީހުންނާއި އަމިއްލައަށް މަރުވާ މީހުން އަދި ނުކުޅެދުންތެރިކަމާ ކުރިމަތިލާ މީހުން އިތުރުވަމުންދާ ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
މިހާރު ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބެނީ މާލޭގެ އިތުރުން ލެވެލް 3 ނުވަތަ ރީޖަނަލް ހޮސްޕިޓަލުތަކުގައި އެކަންޏެވެ. ނަމަވެސް، ރަށްރަށުގައި ނަފްސާނީ ފަރުވާ އަދި ތެރަޕީތައް ހޯދަން އުނދަގޫވުމުން ޚިދުމަތްތައް ފުޅާކުރަން ނިންމާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ފޮނުއްވި ޕޮލިސީ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވެފައިވަނީ ގައުމީ ފެންވަރުގައި ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ އަދި އެހީތެރިކަން ދެވޭ މިންވަރު އިތުރުކޮށް، ޚިދުމަތް ހޯދާ މީހުންގެ ވެއިޓްލިސްޓުގައި މަޑުކުރަންޖެހޭ މުއްދަތު ކުޑަކުރުމަށްޓަކައި ލެވެލް 2 ގެ ހޮސްޕިޓަލްތަކުގައި މި ޚިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން މިހާރު ތައްޔާރުވަމުން އަންނަނީ ހއ. އަތޮޅު ހޮސްޕިޓަލާއި ށ. އަތޮޅު ހޮސްޕިޓަލާއި ނ. އަތޮޅު ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލާއި ޅ. އަތޮޅު ހޮސްޕިޓަލާއި ފ. އަތޮޅު ހޮސްޕިޓަލާއި ދ. އަތޮޅު ހޮސްޕިޓަލާއި ތ. އަތޮޅު ހޮސްޕިޓަލާއި ގއ. އަދި ފުވައްމުލަކު ހޮސްޕިޓަލުގައި އަންނަ އަހަރުގެ ކުރީކޮޅު މި ޚިދުމަތްތައް ފެށުމަށެވެ. މީގެ އިތުރުން ސަރުކާރުން އަންނަނީ އަތޮޅު ހޮސްޕިޓަލުތަކުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.

