ދިވެހި ޒުވާން ފިރިހެނަކު ރާއްޖެ އައިއިރު އަރައިގެން ހުރި އިސްޓާކީނާއި އޭނާ ލައިގެން ހުރި ބޮކްސާއިން މަސްތުވާތަކެތި ފެނިއްޖެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި ހިފަހައްޓާފައިވަނީ ލ. ގަމަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެކެވެ.
ބަންދު އަމުރުގައި ވާގޮތުން އޭނާ ވައިގެ މަގުން ރާއްޖެ އައިއިރު އަރައިގެން ހުރި އިސްޓާކީނާއި އޭނާ ލައިގެން ހުރި ބޮކްސާއިން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
އޭނާ އެތެރެ ކުރި މަސްތުވާތަކެތި ޓްރެފިކިންގ މިންގަނޑަށް އަރާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވާއިރު، އޭނާގެ އަތުން ފެނިފައި ވަނީ ނުރައްކާތެރި ވައްތަރެއް މަސްތުވާތަކެތީގެ ބާވަތެއް ކަމަށެވެ.
އޭނާގެ ބަންދަށް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ.
ތުހުމަތާއި ގުޅިގެން މިވަގުތު ބުނާނެ އެއްޗެއް ނެތް ކަމަށް އޭނާގެ ވަކީލް ބުނެފައި ވެއެވެ.

