ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެގެ ހުކުރު ނަމާދުގައި އިސްލާމީ މަރުކަޒުގެ ކުރީ ސަފުގައި އިންނެވިއިރު އެމަނިކުފާނުގެ ދެފަރާތުގައި ހުސްޖާގަ ބަހައްޓަވައިގެން އިންނެވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ދޮގުކުރައްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ ޗެނަލްތަކުން ދައްކާފައިވާ އިސްލާމީ މަރުކަޒުގެ އިއްޔެގެ ހުކުރު ނަމާދުގެ ފޮޓޯ އަދި ވީޑިއޯ މަންޒަރުތަކުގައި ރައީސް މުޢިއްޒު އިންނެވީ ދެފަރާތުގައި ތިބި މީހުންނާ ދެމެދު ހުސްޖާގަ ބަހައްޓަވައިގެން ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ މިސްކިތުގެ ޖަމާޢަތުގައި ހުސްޖާގަ ބެހެއްޓެވުމަށް ރައީސް މުޢިއްޒު އެއްވެސް އިރެއްގައި އަންގަވާފައި ނުވާ ކަމަށެވެ.
އަދި ރައީސްގެ ދެފަރާތުގައި ފެންނަ ހުސްޖާގައަކީ މިސްކިތުގެ ބަންގި ގޮވާ މުދިމު އަދި އިމާމުގެ ޖާގަ ކަމުގައި އެމަނިކުފާނު ވަނީ ސާފުކޮށްދެއްވާފައެވެ.
"ރައީސް މުޢިއްޒު އެކި ދުވަސްމަތިން މިސްކިތަށް ވަޑައިގެން ޖަމާޢަތުގައި ބައިވެރިވެވަޑައިގަންނަވާ. އަދި މިސްކިތު ތެރެއިން އާންމުންނާ ބައްދަލުކުރައްވާ،" ވަޒީރު ވިދާޅުވިއެވެ.
މިކަން ސާބިތުކޮށްދިނުމުގެ ގޮތުން މިނިސްޓަރު ވަނީ އެކި ދުވަސްތަކުގައި ނެގިފައިވާ ފޮޓޯތަކެއްވެސް ހާމަކުރައްވާފައެވެ.
މީގެއިތުރުން، ރައީސްއާ މެދު ދޮގު ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

