ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދުވާ ސަބަބުތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް އަންނަ އަހަރު ކުރުމަށް ނިންމާފައިވާ ކަމަށް ޒަކާތު ހައުސް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޢިއްޒައްދީން ވިދާޅުވީ ރާއްޖޭގައި ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވިނަމަވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދުކަމަށެވެ. އަދި މުދަލު ޒަކާތް ނުދައްކާ ސީދާ ސަބަބުތައް އަބަބުތައް އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށާއި އެ ސަބަބުތައް ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޢިއްޒައްދީން ވިދާޅުވީ މިހާތަނަށް ޒަކާތު ހައުސްއިން ހިންގި އެކި ހަރަކާތްތަކުގެ ތެރެއިން ބައެއް ސަބަބުތައް ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުދަލު ޒަކާތަކީ އިސްލާމް ދީނުގައި ކިހާ މުހިންމު ކަމެއް ކަމާމެދު އާންމުން ހޭލުންތެރިވެފައި ނެތުން ހިމެނެއެވެ.
“އަޅުގަނޑުމެން އެންމެންނަކީ މުއްސަނދިންނެއް ނޫން. އެންމެންނަކީ ތަނަވަސްކަމެއް، އެހެންމީހުންނަށް އެހީތެރިވެވޭނެ ބައެއް ނޫން. ފުދުންތެރި މުހުތާދުވެރިން ތިބޭނެކަން ދަންނަންޖެހޭ. އެހެންވީމަ އެމީހުންނަށް އެ ލިބިދޭންޖެހޭ ޙައްގެއް ގޮތުގައި އަދި އިސްލާމް ދީނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ، މުދަލުގެ މިލްކުވެރިފަރާާތަކީ އެކަލާންގެކަން. އެ ޙައްގު އަދާނުކުރާކަން. އެހެންވީމަ ދީނީގޮތުން މީހުންނަށް މިއީ ކިހާވަރެއްގެ ކަމެއްކަން ނޭނގުން މިއީ އެންމެ ބޮޑު އެއް ކަންތައް ކަންނޭގެ.” ޢިއްޒައްދީން ވިދާޅުވިއެވެ.
ޢިއްޒައްދީން އިތުރަށް ވިދާޅުވީ ބައެއް މީހުން މުދަލުގެ ޒަކާތް ދެއްކުމުން އަތުގައި ހުންނަ މުދާ މަދުވާނެ ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް މުސްލިމް ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން މުދަލުގެ ޒަކާތް ދައްކާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި މުދާ އިތުރުވަމުންދާކަން ސާބިތުވެފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޒަކާތު ފަންޑަށް މިއަހަރުގެ މިހާތަނަށް ރެކޯޑު އަދަދަކަށް ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އަހަރުގެ މިހާތަނަށް 98 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެ ފަންޑަށް ޖަމާވެފައިވާއިރު އަހަރަކު އެ ފަންޑު 100 މިލިޔަން ރުފިޔާއަށް އެރުވުމަކީ ސަރުކާރުގެ އަމާޒެކެވެ.

