މާލޭގައި ހިންގުނު އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކާއި 17 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. ސްވިންގ ގޭގައި ހިންގުނު ސަރޗް އޮޕަރޭޝަނެއްގައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނަކީ މާލޭ މއ. ކޮޓަންވިލާގެ އަޙްމަދު ސަފްނީޒް (41 އަހަރު)، ޏ. ފުވައްމުލަކު ދޫޑިގަން ނިއުވެލީ މުޙައްމަދު އިވާން (23 އަހަރު) އަދި 17 އަހަރުގެ ކުއްޖެކެވެ.
ގ. ސްވިންގ ގެ ބަލައި ފާސްކުރުމުގައި ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމާއި، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމާއި، އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން 24,110 ރުފިޔާ ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
ކޯޓު އަމުރަކާ ގުޅިގެން، ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އަޙްމަދު ސަފްނީޒް 10 ދުވަހަށް އަދި މުޙައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން މި މައްސަލަ ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

