މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް، އަލުން ޚިދުމަތް ދޭން ފަށައިފި ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ލޮނުޒިޔާރަތް މަގު، ކަލާފާނު ހިނގުން، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ރަތްވިލާ ހިނގުން ހިމެނޭ ސަރަޙައްދުގައި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް، އަލުން ޚިދުމަތް ދޭން ފަށައިފި ކަމަށެވެ.
ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ނެޓްވޯކުގައި މިފަދަ މަސައްކަތްތައް ދޭތެރެ ދޭތެރެއިން ކުރަމުންދާ ކަމަށާއި، މިފަދަ މަސައްކަތްތައް ކުރާއިރު ކަރަންޓު ކެނޑިދާނެ ކަމަށް ބަލައި، އާންމުކޮށް ސްޓެލްކޯއިން ދުރާލާ އެކަން އަންގައެވެ.

