ހުޅުމާލޭގައި ބަނގުރާ ކައްކަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ބަނގުރަލާއެކު 3 ބިދޭސިީއަކު ހައްޔަރުކޮށްފިއެވެ.
މި މައްލާގައި ހައްޔަރުކުރީ 51 އަހަރުގެ އެމްޑީ އަހަންނާން އާއި 34 އަހަރުގެ ތުހިންމިއާ އަދި 33 އަހަރުގެ މުހައްމަދު ޝަޖަލާލެވެ.
ފުލުހުން ވިދާޅުވީ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެމްޑީ އަހަންނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ތިނަކުން ފޮށިގަނޑެއް ހިފައިގެން ދާތަން ފުލުހުންނަށް ފެނުމުން އޭނާގެ ހަރަކާތްތައް ބަލަމުންދަނިކޮށް ފޭސް ތިނެއްގެ އަތިރިމަތީގައި ފޮށިގަނޑު ފޮރުވުމަށްފަހު ދަނިކޮށް ކަމަށެވެ. އަދި އޭނާ ހުއްޓުވަން އުޅުމުން މާރާމާރީ ހިންގައި ފުލުހުންނަށް ފިލަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ހައްޔަރުކޮށް، އަތިިިިރިމަތީގައި އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 30 ފުޅި ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގައި އަނެއް ދެމީހުން ހަައްޔަރުކޮށްފައިވަނީ ސައިޓަށް ފުލުހުން ދިއުމުން ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައިވާތީއެވެ.
ފުލުހުން ވިދާޅުވީ މި ތިން މީހުން ހައްޔަރުކޮށް އެމީހުން މަސައްކަތްކުރާ ސައިޓުގެ ބަދިގެ ބަލައިފާސްކުރިއިރު އެވަގުތު ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުން ދިޔަކަމަށެވެ. އަދި އެތަން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 72 ފުޅިއާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށެވެ.
މީގެއިތުރުން ބަދިގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލާގައި އެ ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.

