ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، ޗައިނާ ބާޒާރުގައި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ ކަމަށް އިގުތިސާދީ ތަރައްފީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރު ކަމަށާއި، 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބުނު ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން އެއްބަސްވުމަށް އަމަލުކުރުން މަޑުޖެހުނު ކަމަށް ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށް ވުޒާރާއިން ހާމަކުރިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް އިޖުތިމާއީ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އަދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ޗެޕްޓަރގެ ދަށުން ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކށް، އެކިއެކި ދާއިރާތަކާ ގުޅޭގޮތުން ދިރާސާކުރުމަށް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށްވެސް
މީގެ އިތުރުން، ފަންނީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ ބާޒާރުން ހިދުމަތް ފުޅާކުރުމުގެ ފުރުސަތު ލިބި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތައް ޗައިނާ މާކެޓަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވުޒާރާއިން ހާމަޮށްފައިވެއެވެ.
އާންމު ރައްޔިތުންނަށްވެސް މި އެއްބަސްވުމުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށް ވުޒާރާއިން ބުންޏެވެ.. އެގޮތުން ޗައިނާއިން އެތެރެކޮށް ވިއްކާ މުދަލުގެ ތެރެއިން އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަކެތީގެ އަގު ހެޔޮވެ، މާކެޓްގައި ގިނަ ބާވަތްތައް ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެމުންދާ ކަމަށާއި، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މި އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފައެެވެ.

