މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައަކީ ބޮންޑެޑް ވެއަރހައުސްއެއްގައި ބަހައްޓާފައި ހުރި ސިނގިރޭޓުތަކެއް ގެއްލިފައިވާ މައްސަލައެކެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތާއި ކަސްޓަމްސްއިން މިހާރު ބަލަމުންދާ ކަމަށެވެ.
"ޒަމާނުއްސުރެ ބޮންޑެޑް ވެއަރހައުސް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓުތަކުގައި އަންނަނީ ހިންގަމުން،" ވަޒީރު ވިދާޅުވިއެވެ. "އެފަދަ ތަންތަނުގައި ދެތަޅު ހަރުކޮށް ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްއިން."
ވަޒީރު އިތުރަށް ފާހަގަކުރެއްވީ މުދާ ގެއްލުނު ބޮންޑެޑް ވެއަރހައުސްއަކީވެސް ގެއެއްގައި ހަދާފައި ހުރި ތަނެއްކަމަށެވެ.
އަދި އެ ވެއަރހައުސްއަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތަނެއްނަމަވެސް، އެތަނުގެ ވެރިފަރާތުން ވެއަރހައުސް ހިންގިތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެ މައުލޫމާތު ލިބުމުން އެކަން ޔަގީންކޮށް ތަނުގެ ވެރިފަރާތަށް އެތަނުގައި ހުރިކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް ވާނީ އަންގާފައި،" ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންނާއި ކަސްޓަމްސްއިން ތަހުގީގު ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ގޭގެތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވާތީ ދެން ގޭގޭގައި ބޮންޑެޑް ވެއާހައުސް ނުހިންގޭނެ ކަމަށެވެ. ސަރުކާރުން މިހާރު މިކަން ބަދަލުކުރައްވާފައިވާ ކަމަށާއި، ބޮންޑެޑް ވެއަރހައުސް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދެއްގައި ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

