ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ޕާސްޕޯޓު ހިފަހައްޓައި ރަށުން ބޭރަށް ނުދެވޭނެހެން ބަންދު ކޮށްފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ އަދި ސީއެފްއޯ ޔާސިރު ފުރުން މަނާކުރުމުގެ އަމުރު ނެރެ، އެކަން އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ އާރުޑީސީއާ ގުޅޭ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، މޫކޭ ދިރިއުޅުއްވާ ތަން ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އަދި ޔާސިރަށް ނިސްބަތްވާ ދެ ތަނެއް ބަލައި ފާސްކޮށް ވެސް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައިވެއެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.ަރު މަހުގައެވެ. މި މައްސަލައަކީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި އާރުޑީސީގެ 15 މުވައްޒަފަކު ހިމެނެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ހިމެނޭ ފައިސާ ދައުރުކޮށްފައިވަނީ 2018 އިން ފެށިގެން 2022 ގެ ސެޕްޓެމްބަރާ ހަމައަށެވެ. އަދި އަމިއްލަ ބޭނުންތަކަށް މި ފައިސާ ދައުރުކުރުމަށް 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

