އިސްލާމްދީން ފުހެލަން ނަޞާރާއިންގެ ލަޝްކަރު އެއްވި ޚަބަރު އަބޫ ޤުދާމަ އައް-ޝާމީ އަށް ފޯރުމުން އެކަލޭގެފާނު މިސްކިތުގެ މިންބަރަށް އަރާވަޑައިގަތެވެ. އަދި ވަރަށް ވަރުގަދަ އަދި އަސަރުން ފުރިގެންވާ، މީސްތަކުންގެ އިޙްސާސްތަކާ ކުޅެލާފަދަ ނަޞީޙަތެއް ދެއްވިއެވެ. އެމީހުންގެ ހިތުގައި އެމީހުންގެ ބިން ރައްކާތެރިކުރުމުގެ ޖޯޝާއި ޝައުޤު އުފެއްދިއެވެ. އެއީ ﷲ ގެ މަގުގައި ޖިހާދުކުރުމުގެ ޖޯޝާއި ފޯރިއެވެ.
އެކަލޭގެފާނު މިސްކިތުން ފައިބާވަޑައިގެން ވަކިން އޮތް އަނދިރި މަގަކުން ވަޑައިގަންނަވަނިކޮށް އަންހެނަކު އެކަލޭގެފާނު ހުއްޓުވިއެވެ. އަދި ސަލާމްގޮވާލިއެވެ. “السلام عليكم ورحمة الله.” އަބޫ ޤުދާމާ ހުއްޓި ވަކި ޖަވާބެއް ނުދެއްވައި މަޑުކުރެއްވިއެވެ.
އެ އަންހެން މިހާ އޭނާގެ ސަލާމް ތަކުރާރު ކުރިއެވެ. އަދި އިތުރަށް ވިދާޅުވިއެވެ.
“ތިޔައީ ޞާލިޙް މީހުން ކަންތައް ކުރަން ވާނެގޮތެއް ނޫނެވެ.” އެ އަންހެންމީހާ ހިޔަނީގެ ތެރެއިން ކުރިއަށް ޖެހިލާފައި ބުންޏެވެ. “ތިބާ މުއުމިނުންނަށް ޖިހާދަށް ދާން ގޮވާލަނިކޮށް އަހަރެން އަޑު އެހީމެވެ. އަހަރެން އަތުގައި ދެވެން އޮތީ މި އެކަންޏެވެ.” ދެން އެ އަންހެންމީހާ އެކަލޭގެފާނަށް ގަތާފައިވާ ދިގު ދެ އިސްތަށިގަނޑު ދިއްކޮށްލިއެވެ. އަދި ބުންޏެވެ. “ތިބާގެ އަހުގެ ލަގަން ކަމުގައި މި ބޭނުން ކުރާށެވެ. އޭރުން ތިމަންނާއަކީ ވެސް ޖިހާދަށް ދިޔަ މީހަކު ކަމުގައި މާތްﷲ ލިޔުއްވަފާނެތެވެ.”
އޭގެ އަނެއް ދުވަހު މުސްލިމުންގެ މީހުން ޞަލީބީންގެ ލަޝްކަރާ ކުރިމަތިލާން ނުކުތް ތަނާހެން، ޒުވާން ކުއްޖެއް، އަބޫ ޤުދާމާގެ އަހުގެ ކައިރިއަށް އައިސް ބުންޏެވެ. “ﷲ އަށްޓަކައި މިލަޝްކަރުގައި އަހަރެން ބައިވެރި ކޮށްދިނުމަށް ތިބާގެ ގާތުން އެދެމެވެ.”
އެހިނދު އުމުރުން ދޮށީ ބައެއް މީހުން އެކުއްޖާއަށް މަލާމާތް ކޮށްފައި ހީ ހަދާފައި ބުންޏެވެ.
“އަސްތައް ކަލޭގެ ގައިމައްޗަށް އަރައި ޗިސްކޮށްލަފާނެއެވެ.”
އަބޫ ޤުދާމާ އެކުއްޖާގެ ލޮލަށް ބައްލަވާލެއްވިއެވެ. އެހިނދު އެކުއްޖާ އަނެއްކާވެސް ބުންޏެވެ. “ﷲ އަށްޓަކައި، އަހަރެން ތިބާގެ ގާތުން މިއެދެނީ އަހަރެން މިލަޝްކަރުގައި ބައިވެރި ކޮށްދެއްވުމަށެވެ.”
ދެން އަބޫ ޤުދާމާ ވިދާޅުވިއެވެ. “އެއީ ޝަރުތެއްގެ މަތިންނެވެ. އެ ޝަރުޠަކީ ތިބާ މަރުވުމުން ތިބާއާ އެއްކޮށް ތިމަންނާވެސް ގޮވައިގެން ސުވަރުގެއަށް ދިޔުމެވެ. އެއީ ތިބާ ޝަފާޢަތްތެރިވާ މީހުންގެ ތެރެއިންނެވެ.”
އެކުއްޖާ ހިނިތުންވެލާފައި ބުންޏެވެ. “އެކަމަށް ވަޢުދު ވެއްޖައީމެވެ.”
ދެ ލަޝްކަރު ބައްދަލުވެ ހަނގުރާމަ އެންމެ ހޫނުވެގެން ދިޔަ ވަގުތު، އަބޫ ޤުދާމާގެ އަހުގެ ފަހަތުގައި އެކުއްޖާ އިނދެ، އެކަލޭގެފާނުގެ އަރިހުން އެދުނެވެ. “ﷲ އަށްޓަކައި އަހަރެން ތިބާގެ ކިބައިން އެދެމެވެ. އަހަރެންނަށް 3 ދުނި ދޭށެވެ.”
“ތިބާއަށް އެމީހުންގެ ގަޔަށް އެ ދުނި ނުޖެހޭނެއެވެ.” އަބޫ ޤުދާމާ ދެންނެވިއެވެ.
އަނެއްކާވެސް އެއްޖާ އެބަސް ތަކުރާރު ކުރިއެވެ. “ﷲ އަށްޓަކައި އަހަރެން ތިބާ ގާތުން އެދެމެވެ. އަހަންނަށް އެ ދޭށެވެ.”
އަބޫ ޤުދާމާ އެކުއްޖާއަށް 3 ދުނި ދިނެވެ. އެކުއްޖާ (ތީރު) އަމާޒު ކޮށްފައި ބިސްމި ކިޔާފައި ދޫކޮށްލިއެވެ. އެ ދުނިން ރޯމަނުންގެ މީހެއް މަރުވިއެވެ. ދެވަނަ ފަހަރަށްވެސް ބިސްމި ކިޔާފައި ދޫކޮށްލި ދުނިން ދެވަނަ މީހާވެސް މަރުވިއެވެ. (ހަމައެގޮތަށް) ތިންވަނަ ފަހަރު ބިސްމި ކިޔާފައި ދޫކޮށްލި ދުނިން ތިންވަނަ މީހާވެސް މަރުވިއެވެ. ދެން އެކުއްޖާގެ މެއަށް ދުންޏެއް ހެރުނެވެ. އަދި އެކުއްޖާ އަހުން ވެއްޓުނެވެ. އަބޫ ޤުދާމާ އަހުން ފައިބާވަޑައިގެން އެކުއްޖާގެ އެއްފަރާތުގައި އިށީންނެވިއެވެ. އެކުއްޖާގެ އެންމެ ފަހުނޭވާތަކުގައި އެކުއްޖާއަށް ހަނދާން ކޮށްދެމުން ދިޔައެވެ. “ތިބާ ވީ ވަޢުދު ހަނދާން ނައްތާ ނުލައްޗެވެ!”
އެކުއްޖާގެ ޖީބަށް އަތްލާފައި ކުޑަ ދަބަހެއް ނެގިއެވެ. އަދި ބުންޏެވެ. “(މި ދަބަސް) އަހަރެންގެ މަންމަ އަށް ރައްދު ކޮށްދޭށެވެ.”
އަބޫ ޤުދާމާ ސުވާލުކުރިއެވެ. “ތިބާގެ މަންމަ އަކީ ކާކުހެއްޔެވެ؟”
“އެއީ އިއްޔެ ތިބާއަށް ދެ އިސްތަށިގަނޑު ދިން މިހާއެވެ.” އެ ކުއްޖާ ޖަވާބުދިނެވެ.
އޭ އަޚުންނާއި! އޭ އުޚުތުންނޭވެ! މި މުސްލިމް އަންހެން މީހާ އާއި މެދު ވިސްނާލަބަލާށެވެ. އޭނާ ތަޤުވާވެރިކަމުގައި މިފަދަ މަތިވެރި ދަރަޖައަކަށް ދިޔައީ ކިހިނެއްތޯއެވެ؟ އޭނާގެ އިސްތަށިގަނޑުވެސް، އަދި ކިއެއްތަ އޭނަގެ ފިރިހެން ދަރިފުޅުވެސް ޤުރުބާން ކުރީއެވެ. ޔަޤީނެވެ. އޭނާގެ ޙަޔާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ހޭދަކުރީއެވެ. އަދި އިމްތިޙާން ކުރިމަތި ވުމުން ފާސްވެސް ވީއެވެ. ހަމައެކަނި އޭނާ ފާސްވީކީ ނޫނެވެ. އޭނާގެ ދަރިންވެސް އެފަދަ ރީތި އީމާނަކުން ވިދާ ބެބުޅިއެވެ. އެއީ އޭނާ ތަރުބިއްޔަތުކޮށްފައިވާ ދަރިންނެވެ.
{ނުނިމޭ / ބާކީ ބައި މާދަމާރޭ..)
(މިއީ ދިސަލަފިއްޔާ ގައި އައްޝައިޚް އަލީ ނިޝާމު ލިޔުއްވާފައިވާ ލިޔުމެއް،)

