އިންޓަރނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓުން ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ޚިދުމަތް ދީ ނިންމާލައިފިއެވެ.
މިއީ އިހަވަންދިއްޕޮޅުގައި އެމްޕީއެލް އިން ގާއިމް ކޮށްފައިވާ ސެކިއުރިޓީ ގޭޓެވެ. އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ފަތުރުވެރިން ގޮވައިގެން އައި ޔޮޓެއް ކަމާއި، އެ ޔޮޓުން ބޭނުންވެގެން ކްލިއަރެންސް ޚިދުމަތް ދީފައިވާކަމެވެ.
މީގެ އިތުރުން، މިދުވަސްވަރު ރާއްޖެ އަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދަކަށް ޔޮޓު ފަހަރު ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބޭނުންވާ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލް އިން ތައްޔާރުވެފައިވާ ވާހަކަ ވެސް ވަޖީހު ވިދާޅުވިއެވެ.
މިއީ އިންޓަރނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓުން ފުރަތަމަ ފަހަރަށް ޔޮޓަކަށް ޚިދުމަތް ދިން ފަހަރެވެ.
އެމްޕީއެލް އަކީ އޭޝިއާ ބައްރުގައި ނަން ފާހަނގަކޮށްލެވޭ ވިޔަފާރި ކުންފުންޏެކެވެ. އެގޮތުން، އެންމެ ފަހުން ބޭއްވުނު "ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް 2024" ގެ މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ކާމިޔާބުކޮށްފައެވެ.

