ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، އަތުލައިގަނެފިއެވެ. މި މަސްތުވާތަކެތި އަތުލައިގަތީ މި މަހުގެ 26 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެ އައި ދެ ދިވެހި ފިރިހެނުންގެ އަތުންނެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ދެ ފަސިންޖަރުންނަކީ އުމުރުން 41 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ދެ މީހުންގެ ޢަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުން، އެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަން ފާހަގަކުރެވުނެވެ.
ކަސްޓަމްސްއިން ފުރަތަމަ މަރުހަލާގައި މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާކަން ފާހަގަކުރެވުނެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ ޕެކިންއާއެކު 2.4 ކިލޯއެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.5 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލުވާ ދެ ފަސިންޖަރުން ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.

