މާލޭގެ މަގެއްގައި ސައިކަލުގައި ދިޔަ އަންހެނެއްގެ އަތުން ފޭރުމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާގެ ބަންދު މުއްދަތު އިތުރު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވި ހައްޔަރުކުރެވިފައިވަނީ ފ. ފިޔަބަރިގެ، ހަސަން އިސާމް (30 އަހަރު) އެވެ. އޭނާ ހައްޔަރުކުރެވުނީ އިއްޔެ ހަވީރު 17:20 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، އޭނާ ދުއްވި ސައިކަލު ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.
އިއްޔެ ބޭއްވުނު ބަންދު މުއްދަތު އިތުރުކުރުމުގެ އަޑުއެހުމުގައި، ހަސަން އިސާމް ވަނީ ކުށަށް އިޢުތިރާފުވެފައެވެ. އޭނާ ބުނި ގޮތުގައި، ރަން ފަށް ފޭރުނު ނަމަވެސް މިހާރު އޭނާގެ އަތުގައި އެ ފަށް ނެތެވެ. އަދި ގެއްލުން ލިބުނު ފަރާތަށް ބަދަލު ދިނުމަށް ތައްޔާރަށް ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ހަސަން އިސާމްގެ ބަންދު މުއްދަތު އިތުރުކުރި ސަބަބަކީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. އަދި އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއްކަންވެސް ފާހަގަކުރެވެއެވެ.
މި ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ މަގުމަތިން ސައިކަލުގައި ދިޔަ އަންހެނެއްގެ ފަހަތުން، ސައިކަލުގައި އައި ފިރިހެނަކު އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރޭ މަންޒަރެވެ. އެހެންނަމަވެސް، އެ އަންހެން މީހާ ވަނީ އޭނާގެ ސައިކަލު ދޫކޮށްލާފައި ގޮސްފައެވެ.

