އަތޮޅުތެރޭގައި ބޭއްވުނު ފުރަތަމަ ޑްރޯންޝޯވ އިއްޔެ ރޭ ނ. ވެލިދޫގައި ބާއްވައިފިއެވެ. މި ތާރީޚީ ޙަރަކާތް އިންތިޒާމު ކޮށްފައި ވަނީ ނ. ވެލިދޫ ކައުންސިލާއި ޚާއްޞަ އިވެންޓްތައް އިންތިޒާމު ކުރާ “ޕިރާޑް” ގުޅިގެންނެވެ.
މި ޑްރޯންޝޯވ ބޭއްވުނީ “ވިޒިޓް ވެލިދޫ” ޝިޢާރުގެ ދަށުން، ވެލިދޫގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުގައެވެ. މީގެ މަޤުޞަދަކީ ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި ވެލިދޫއަށް ޒިޔާރަތްކުރުމުގެ ޝަޢުޤުވެރިކަން އިތުރުކުރުމެވެ.
“ޕިރާޑް” އިން މި ޝޯވ ބޭއްވީ ފަރިތަކުރުމެއްގެ ގޮތުގައި ކަމުގައިވީ ނަމަވެސް، ކައުންސިލުން މިއީ ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭއްވުނު މުޙިންމު ޙަރަކާތެއްގެ ގޮތުގައި ފާހަގަކުރިއެވެ.
މި ޝޯވގައި 200 އަށްވުރެ ގިނަ ޑުރޯން ބޭނުން ކޮށްގެން އުޑުމަތީގައި ތަފާތު މަންޒަރުތައް ދައްކުވައިދިނެވެ. މީގެ ތެރޭގައި “ވިޒިޓް ވެލިދޫ” ލޯގޯ އާއި އިސްލާމްދީނުގެ ނިޝާންތަކާއި، ދިވެހި ދިދަ ފަދަ ގިނަ މަންޒަރުތަކެއް ހިމެނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޑްރޯންޝޯވއެއް ބޭއްވިފައިވަނީ މިދިޔަ އަހަރުގެ ޖުލައި 29 ވަނަ ދުވަހު މާލޭގެ ސެންޓްރަލް ޕާކުގައެވެ. ނަމަވެސް، އަތޮޅުތެރޭގައި މިފަދަ ޝޯވއެއް ބޭއްވުނު، މިއީ ފުރަތަމަ ފަހަރެވެ.

