ފުލުހުން، ޒުވާނަކު ޗެކްކުރި އިރު ފެނުނު މަސްތުވާތަކެއްޗަކީ، ތިމަންނާގެ އެއްޗެއް ނޫންކަމަށް ބުނެ އެ ތުހުމަތު ބައްޕަގެ ބޮލުގައި އަޅުވައިފިއެވެ.
ފުލުހުން ބުނީ 23 އަހަރުގެ މުހައްމަދު ރިޝްވާން ނައީމު ހައްޔަރު ކޮށް ޗެކްކުރިއިރު ރިޝްވާނުގެ އަތުން ފުލުހުންނަށް ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބައްޕަގެ ތަކެތި ކަމަށް ބުންޏަސް ރިޝްވާންގެ ބައްޕަ އެކަން ދޮގު ކުރި ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް ރިޝްވާނު ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް އެދި ކުރިމިނަލް ކޯޓުގެ މުއްދަތުކޮމިޓީއަށް ހާޒިރު ކުރުމުން ކޯޓުގެ މުއްދަތުކޮމިޓީއުން ވަނީ ރިޝްވާން ނައީމުގެ ބަންދަށް 30 ދުވަސް ދީފައެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން ބުނެފައިވަނީ ރިޝްވާންގެ ނައީމްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށެވެ.
ނަމވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެއެވެ.
މިއީ ނުހަނު ކަންބޮޑުވާން ޖެހޭފަދަ ކަމެކެވެ. ޒުވާން ޖީލު އޮތީ އަނދިރީގެ ތެރޭގައިކަން އެނގޭހާލު އެކަން ރަނގަޅު ކުރުމަށްވެސް ހުރަސްތައް ހުރި ކަން އެނގުމަކީ ދެރަކަމެކެވެ.
އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ރިޝްވާން އޭނާގެ އަމިއްލަ ޒިންމާ ނަގަން ބޭނުންނުވެ، އެ ކުށުގެ ޒިންމާ އޭނާގެ ބައްޕަގެ ބޮލުގައި އަޅުވަން މަސައްކަތް ކުރި ކަމެވެ.

