ރ. ފައިނުގައި އަކިރި ނަގަން ދިޔަ 24 އަހަރުގެ ޒުވާނަކަށް މާވަހަރެއް ލިބިއްޖެއެވެ
މާވަހަރު ހޮވި އިބްރާހީމް ޒާހިރުގެ ބޭބެ އާދަމް ޒާހިރު ހުވަދޫމީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ، އިބްރާހީމަށް ވެސް އެއީ މާވަހަރެއް ކަމެއް ނޭނގޭ ކަމަށެވެ. “ބައްޕަ ދެންނެވީމަ، އަތިރިމަތިން އަކިރިނަގަން ދިޔައީ، އެތަނުން ފެނުނީ،” އާދަމް ކިޔައިދިނެވެ.
އާދަމް އިތުރަށް ބުނީ، “ރަށުގައި ހުރި ކުރިން މާވަހަރެއް ހޮވި މީހަކު ބުނީ އެއީ މާވަހަރެކޭ. ވަސްވެސް ސަކަރާތް. އަދި މާވަހަރުތޯ ޔަގީންކުރުމަށް ކަންތައް ކުރާ ގޮތަށް އަލިފާނުން ހޫނުކޮށްގެންވެސް ބެލީ. މިހާރު ޔަގީން. އެކަމަކު ހިކެންދެން ބާއްވާފައި، ހިކުނީމަ އެ ކިރާ ވިއްކުމުގެ ކަންތައް އޮންނަ ގޮތް ބަލާނީ.”
މާވަހަރު ހޮވި އިބްރާހީމް ޒާހިރު ބުނީ އޭނާ އުޅުނީ މަސައްކަތެއް ކުރަން ބޭނުންވާ އަކިރި ހޯދަން ކަމަށެވެ. “މާވަހަރެއް ކަމަށް ޝައްކުކުރެވުނީމަ ނެގީ. އޭގެ ބަރުދަނުގައި ގާތްގަނޑަކަށް ކިލޯއެއް ހުންނާނެ،” އޭނާ ބުންޏެވެ.
މާވަހަރެއްކަން އިތުރަށް ޔަގީންކުރުމަށް އެ އެއްޗެހި މިހާރު ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް، މާލޭގައި ސީދާ ޓެސްޓުކުރެވޭނެ ގޮތެއް ނެތުމުން، އެ ފަދަ އެއްޗެހި ކަށަވަރުކުރުމުގައި ކުރިން އުޅުނު ބައެއް މީހުންނަށް ދެއްކުމުން މާވަހަރެއް ކަމަށް ބުނެފައިވާ ކަމަށް އިބްރާހީމް ބުންޏެވެ. އޭނާ އިތުރަށް ބުނީ މާވަހަރެއްތޯ އިތުރަށް ޔަގީންކުރަން، ބޭރަށް ފޮނުވައިގެން ނަމަވެސް ޓެސްޓު ކުރެވޭނެ ގޮތެއް ވޭތޯ ބަލަމުން އަންނަ ކަމަށެވެ.
މި ނަސީބުވެރި ހާދިސާއާ ގުޅިގެން އިބްރާހީމްގެ އާއިލާގެ އެންމެން ތިބީ އުފަލުން ފޮޅިފައެވެ. އާއިލާގެ މަންމައަކާއި ބައްޕައެއްގެ ދިހަ ދަރިންގެ ތެރެއިން އެންމެ ހަގު ނޫނަސް ހަގު ދަރިފުޅަށް މި މިންވަރުކުރެއްވި ނަސީބާމެދު އާއިލާގެ އެންމެންވެސް ތިބީ އުފާވެފައެވެ.

