މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ގދ.ގައްދޫ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ.ގައްދޫ/ރެޑްމާގެ މުހައްމަދު އަޒްހަމް ސައީދު (33 އ) އެވެ.
ފުލުހުން ވިދާޅުވީ މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަޖީދީ މަގުން މީހަކު ހުއްޓުވައި އެމީހާ ބަނގުރަލާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން އަޒްހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޭނާ ދުއްވި ސައިކަލު ބަލައި ފާސްކުރިއިރު 3 ބަނގުރާ ފުޅި ފެނުމާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލައަކީ މިފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން ފެންމަތިވަމުން އަންނަ މައްސަލަތަކެވެ. މިފަދަ ކުށްތަކަށް އިތުރު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

