ރޭގެ 12:11 ގައި ސިނަމާލެ ބްރިޖް ހައިވޭގައި ތިން ސައިކަލު ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައި، ޖުމްލަ 5 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، މާލެއިން ހުޅުމާލެއަށް ދަތުރުކުރި ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެހެން ސައިކަލެއްގައި ޖެހި، އެކްސިޑެންޓްވި ދެ ސައިކަލުގައި ފަހަތުން އައި އިތުރު ސައިކަލެއް ޖެހުމުން މި ހާދިސާ ހިނގާފައިވެއެވެ. މި ހާދިސާގައި ގަވާއިދާ ޚިލާފަށް ދުއްވި ސައިކަލު ފުލުހުން ވަނީ ޓޯ ކޮށްފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އެއް މީހަކަށް މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާގެ ހާލަތު ސީރިއަސް ނޫންކަމަށް ވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަން ވެސް ފުލުހުން ވަނީ ބުނެފައެވެ.

