އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ޖައްލާދުންގެ އިންސާނިއްޔަތުކަމަށް ފައިންއަރައި ޗިސްކޮށް ހަނާކުރަމުންދާ މުސްލިމުންގެ ތެރެއިން، 20 ދުވަހުގެ ތުއްތު ކުއްޖަކު “ގަދަ ފިނީގައި” މަރުވިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފަލަސްތީނުގެ ޣައްޒާ އަށް ފިނި މޫސުމާ ކުރިމަތިލާން ޖެހިފައި ވާއިރު މި ހަމާސް އިން ހިންގާ ސަރަހައްދުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖުމާ އަލް ބަތުރާން ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ ނިޔާވީ ފިނީގެ ސަބަބުންނެވެ. އަދި މި ކުއްޖާއާ އެއްމާބަނޑު އަނެއް ކުއްޖާ އަދިވެސް ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގެ ފީލްޑް ހޮސްޕިޓަލްތަކުގެ ވެރިޔާ މަރުވާން އަލް ހަމާސް މި މަޢުލޫމާތު ކަށަވަރުކޮށްދެއްވައި، ފާއިތުވި ހަފުތާތަކުގައި “ގަދަ ފިނީގެ ސަބަބުން” ފަސް ކުއްޖަކު މިހާރު ނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ.
ނިޔާވި ކުއްޖާގެ ބައްޕަ ޔަހްޔާ އަލް ބަތުރާން ވިދާޅުވި ގޮތުގައި، “ކަރަންޓެއް ނެތް. ފެން ފިނިވެފައި ވާއިރު ގޭހެއް، ހޫނުކުރާނެ އެއްޗެއް ނެތް. އަދި ކާނާއެއް ވެސް ނުލިބޭ.” އޭނާ އިތުރަށް ވިދާޅުވީ، “ލޯ ކުރިމަތީގައި ދަރިންތައް މަރުވަމުން ދަނީ. އެކަކުވެސް އަޅާލަނީއެއް ނޫން. ޖުމާ މަރުވެއްޖެ، އޭނާ އެއްބަނޑު ކުއްޖާއަށް ވެސް ހާލު ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް.”
ޔަހްޔާ އާއި އޭނާގެ އަނބިމީހާ ދިރިއުޅެމުން ދަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހް ސިޓީގައި ހުރި ހަލާކުވެފައިވާ ޓެންޓެއްގައި ކަމަށް އޭނާ ހާމަކުރެއްވިއެވެ. މިއީ އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ގެދޮރު ގެއްލި، އެއްވެސް ވަސީލަތެއް ނެތް ޓެންޓުތަކުގައި ދިރިއުޅެމުންދާ އެތައް ހާސް މީހުންގެ ތެރެއިން ބައެކެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 45،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

