މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު، އެއަރބަސް އޭ -330 އަށް މަރުހަބާ ކިޔައި އެ ކާމިޔާބީގައި ބައިވެރިވުމަށް އަންނަ ހޯމަ ދުވަހު މާލެ އާއި ހުޅުމާލޭގައި އެއާ ޝޯއެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި، އެ ޝޯ ބާއްވަން ހަމަޖެހިފައިވަނީ ޖެނުއަރީ 6 ވަނަ ދުވަހު ހަވީރު 00؛5 – 30؛05 އަށެވެ. އެއީ މާލޭގެ އުސްފަސްގަނޑުގެ އިތުރުން، ހުޅުމާލެ 1 އަދި 2 ގެ އިރުމަތީ ފަރާތު އަތިރިމަތީގައެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ މަހު ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް އުދުހެން ފަށާނެ ކަމަށް އިއުލާންކުރައްވައިފަ އެވެ.
ޖުމްލަ 30 މިނެޓަށް މި ހަރަކާތް ކުރިއަށްދާން ހަމަޖެހިފައިވާއިރު މި ޝޯ ބަލައިލުމަށް އެ އެއާލައިނުން ވަނީ އެންމެނަށް ދައުވަތު އަރުވާފައެވެ.
މޯލްޑިވިއަންއަށް އަލަށް ގެންނަ ވައިޑް ބޮޑީ އެއަރ ކްރާފްޓްގެ އޮޕަރޭޝަންތައް ފުރަތަމަ ފަށާނީ ޗައިނާގެ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށް ކަން މޯލްޑިވިއަނުން ހާމަކޮށްފައިވެއެވެ. އަދި އޭގެ ފަހުން ޔޫރަޕަށްވެސް އޮޕަރޭޝަންތައް ފެށުމަށް ނިންމާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

