މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ އާއި އެމްއެންއެސްޑީއޭގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދުގެ އިތުރުން އެ އިދާރާގެ އެހެނިހެން އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ޒުވާނުން ބިނާކުރުމަށް އެމްއެންއެސްޑީއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް މިނިސްޓަރ ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އެމްއެންއެސްޑީއޭއަކީ ދިވެހިރާއްޖެއަށް ބޭނުންވާ މުހިންމު ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ.
އެމްއެންއެސްޑީއޭއިން ވަނީ އެކި މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މިފަދަ ބައްދަލުވުންތައް ބާއްވައި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއެރުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދީފައެވެ.

