2024 ވަނަ އަހަރުގެ އެންމެ ފަހު ދުވަސް ވެސް މިއޮތީ އަޅުގަނޑުމެންނާ ކުރިމަތިވެފައެވެ. މިއަދަކީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ. މިރޭގެ 12 އާ ހަމައަށް ވަގުތު އެބައޮތެވެ. މިއަހަރަށް ވަދާއު ކިޔާއިރު އަމިއްލަ ނަފުސަށް ފަހުރުވެރިވެވޭ ފަދަ ތަފާތު ކަމެއް ކޮށްލަން ބޭނުންނަމަ މިރޭގެ 12 އާ ހަމައަށް ވަގުތު އެބައޮތެވެ. 12 އަށް ފަހު ދެން “2024 ވަނަ އަހަރު ހިނގި ކަމެއް، އެކަން ހިނގީ 2024 ގައި،” މިހެން ބުނެވޭނެ ފުރުސަތެއް ނޯންނާނެއެވެ. އެހެންކަމުން އަދުގެ ތާރީހުގައި މިއަހަރުގައި ކޮންމެހެން ކުރަން ބޭނުން، އަދި ނުކުރެވި އޮތް ކަމެއް ނަމަ ކޮށްލާށެވެ.
“އަހަރު ފެށުނު އިރު އަޒުމު ކަނޑައެޅިން ކުދިންދެކެ ލޯބިވެއޭ ބުނެލަން، އެކަމަކު ވަގުތު ނުވެނުވެ އަހަރު ނިމުމަކަށް މިއައީ،” ދަރިންނާ ވަކިން މާދުރުގައި އުޅޭ ރައްޓެއްސަަކު ބުންޏެވެ. ނަސޭޙަތެއް ދެން ހެއްޔެވެ، އަދިވެސް މިއަހަރުގެ ވަގުތު އެބައޮތެވެ، އަވަހަށް ތިކަން ކޮށްލާށެވެ. ބައެއް މީހުންނަށް މިފަދަ ގޮތްތައްވެސް ދިމާވެދާނެއެވެ. ކަންބޮޑުނުވާށެވެ، މިއަދު އަދި ވަގުތުކޮޅެއް އެބައޮތެވެ.
ހުރިހާ ގުޅުންތަކުގައިވެސް މައްސަލަތައް ޖެހޭނެއެވެ. މުހިންމީ މައްސަލަތައް ހަައްލުކޮށް ގުޅުންތައް އަލުން ބަދަހިކުރުމެވެ. އެކަކު އަނެކަަމަށް މާފަށް އެދިފައި ލޯބިވެއޭ ބުނެލުމަށް މިއަދަށްވުރެ ރަނގަޅު ދުވަހެއް އަންނާނެހެއްޔެވެ. ނާންނާނެތާއެވެ. އަވަހަށް ތައްޔާރުވާށެވެ. މިރޭ 12 އިގެކުރިން ހަމައެންމެ ދެބަހަކުން ވަރަށް ގިނަ ކަންކަން ރަނގަޅުކުރެވިދާނެއެވެ. “ސޮރީ & ލަވްޔޫ” މި ދެބަހަކީ އޭގެ އަކުރާއި ފިލި މަދުވިޔަސް ބުރަދަނުގައި ގުނާނުލެވޭވަރަށް، ތިލަފަތަކުން ކިރާނުލެވޭ ވަރަށް ބާރުގަދަ ދެ ބަހެވެ.
އެހެންކަމުން މިއަދުގެ ޝިއާރަކަށް ސޮރީ އެންޑް ލަވް ޔޫ ހިޔާރުކޮށްލައިގެން ކުރިއަށްދާށެވެ.
ފުރަތަމަ އަމިއްލަ ނަފުސުން ފަށަމާ ހިނގާށެވެ. އަމިއްލަ ނަފުސަށް މާފުކޮށް ނަފުސުދެކެ ލޯބިވާ ވާހަކަ ބުނެލާށެވެ. ދެން ގާތްމީހުންނާއި ދުރުމީހުންނާއި ރުހޭ މީހުންނާއި ނުރުހޭ މީހުންގެ ބޮޅުތެރެއަށް ވަދެ މި ދެބަހުގެ ބާރު ހުރިވަރު ބަލަައި ތަޖުރިބާ ކޮށްލާށެވެ.
2024ގެ ރިސޮލިއުޝަން ނަގައިގެން ބަލާލަބަލާށެވެ. މިއަހަރު ކުރަން ބޭނުންވެ ނުކުރެވި ހުރި ކަންކަން ފާހަގަކޮށްލާށެވެ، އޭގެ ތެރެއިން މިއަދު ކުރެވޭނެކަަމެއް އޮތިއްޔާ އަވަހަށް އެކަމެއް ކޮށްލަން އަވަސްވެގަންނާށެވެ.
2024 ވަނަ އަހަރު ނިމުމަކަށް އަންނަ މި ދަނޑިވަޅުގައި، އަހަރެމެން އެންމެން ވެސް ވޭތުވެދިޔަ އަހަރު ހަނދާންކޮށް، އެ އަހަރުގެ ތެރޭގައި ލިބުނު ކާމިޔާބީތަކާއި ކުރިމަތިވި ގޮންޖެހުންތައް ވިސްނާލުމަކީ މުހިންމު ކަމެކެވެ. މިއީ އަޅުގަނޑުމެން އެންމެން ވެސް މަޑުޖެހިލާ، ވޭތުވެދިޔަ ދުވަސްތަކުގެ މައްޗަށް ވިސްނާލަން ޖެހޭ ވަގުތެކެވެ
ހިތްދަތިކަންކަމާއި އުފާވެރި ކަންތައްތަކާއި އުއްމީދު ނުކުރާ ކަންކަމާއި އުއްމީދުތައް ފުރިހަމަވުމާއި ނާކާމިޔާބީއާއި ކާމިޔާބީއާ މިހެން ގޮސް އެތައް ކުލައެއް، ދިރިއުޅުމުގެ ހަޔާތުން ނިމިގެން މިދާ 365ވަނަ ދުވަހުގެ ރޭ ބާރަ ޖެހުމާއެކު ލައްޕާލެވޭ 2024 ވަނަ އަހަރުގެ ބާބުގެ ފަހު ސޮފްހާއާއެކު މާޒީއާ އެކުވެގެންދާނެއެވެ.
އަހަރެއް ނިމޭއިރު، އެ އަހަރުގެ ތެރޭގައި ހިނގި ކަންތައްތަކާ މެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ވިސްނާލުމުން އަޅުގަނޑުމެންނަށް އަމިއްލަ ނަފްސު ދެނެގަނެވި، ކުރިއަށް އޮތް އަހަރަށް ރަނގަޅަށް ތައްޔާރުވެވޭނެއެވެ. އަދި މިއީ އަމިއްލަ ނަފްސާ މެދު ޝުކުރުވެރިވުމުގެ ވަގުތެއް ވެސް މެއެވެ.

