ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯޯސްވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި މޫސުން ގޯސްވާނީ އާ އަހަރުގެ ބަންދު ތެރޭ ޖަނަވަރީ 01 އިން 05 އަށެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މީގެ އިތުރުން ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު ވެސް އޮތް ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.
މެޓުން މިއަދު ހެނދުނު ބުނީ، އުތުރާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންކަމުން، ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓުން ނިމުތު ކުރެއެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން، މެޓުން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދެއްވުމަށް އަންގަވާފައެވެ.

