ޑިސެންބަރުމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިއަހަރުތެރޭ އެއް މަސްދުވަސްތެރޭ 2 ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި 2 ވަނަ ފަހަރެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 203،891 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 188،798 ފަތުރުވެރިންނާ އަޅާ ބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް މަސްދުވަސްތެރޭ 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައެވެ. އެމަހު ރާއްޖެއަށް ވަނީ 217،392 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 2،041،526 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1،872،645 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ޗައިނާ (263،042)، ރަޝިއާ (224،699) އަދި އިނގިރޭސިވިލާތް (180،455) ހިމެނެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،796 ފަތުރުވެރިން އާދެއެވެ.
ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މި އަމާޒުވަނީ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ހާސިލުކޮށްފައެވެ. މިގޮތުން 2024 ވަނަ އަހަރު ނިމެމުންދަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކާމިޔާބު އަދި ނަފާވެރި އަހަރެއްގެ ގޮތުގައެވެ.

