ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިމިގެންދިޔަ 2024 ވަނަ އަހަރަކީ ރައްޔިތުން ބާރުވެރިކުރެއްވުނު އަދި ޤައުމުގެ ސިޔާދަތު ހިމާޔަތްކުރެވުނު އަހަރެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ އިއްޔެ ރޭ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރު ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މުހިންމު ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަންޖެހޭ ގޮތަށް ހަމަޖެހިގެން ދިޔައެވެ. މިއީ ރައްޔިތުންގެ އަތްމައްޗަށް ބާރުވެރިކަން ދިނުން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ޤާނޫނުއަސާސީއަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމުގައި އަމަލުކުރާނެ ގޮތް ހިމެނެއެވެ. މި އިޞްލާޙުގެ ދަށުން، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކ. ހުރާއަށް ވަޑައިގެންނެވުން
މީގެ އިތުރުން، ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް އަސްކަރީ ބޭނުމަކަށް ދިނުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.
އަދި ޤާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ މާއްދާ އިޞްލާޙުކުރާނަމަ، ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށްވެސް ވަނީ ބަދަލު ގެނެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި މި އިޞްލާޙުތަކުގެ ސަބަބުން ކުރިއަށްވުރެ ރަނގަޅަށް ރައްޔިތުންގެ ބާރުވެރިކަން ޔަގީންކުރެވި، ރައްޔިތުންގެ ޙައްގުތައް ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ އަތްމައްޗަށް ވަނީ ލިބިފައެވެ.

