އެއާޕޯޓު ޓެކުހަށް ގެނައި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް 274 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހަށް ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވެއެވެ. މި ބަދަލާއެކު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއްގެ އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް އިތުރުވެފައިވެއެވެ.
ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 50 ޑޮލަރުން 120 ޑޮލަރަށް، އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް އިތުރުވެފައިވެއެވެ. މީގެއިތުރުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް އިތުރުވެފައިވެއެވެ.
މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 26ގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެގޮތުގައި ދައުލަތަށް ލިބުނު 988 މިލިޔަން ރުފިޔާ މިއަހަރު 1.1 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވެއެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކުހުގެގޮތުގައި ލިބުނު 961 މިލިޔަން ރުފިޔާ މިއަހަރު 1.1 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވެއެވެ.
މި ބަދަލުތަކާއެކު ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރާ އަޅާބަލާއިރު 274 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށް މާލީ ވުޒާރާއިން ބުނެއެވެ. ނަމަވެސް، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުން ނަގާ ފީއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންގެ 97.8 އިންސައްތަ އަދި ބިދޭސީންގެ 90.2 އިންސައްތަ ދަތުރުކޮށްފައިވަނީ އިކޮނޮމީ ކްލާހުގައެވެ.

